ޚަބަރު

އަނެއްކާވެސް ރައީސް ނަޝީދުގެ ބަހުގެ ހަމަލާއެއް ރައީސް މައުމޫނަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުވަސްކޮޅަކަށް ފަހު އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގެ ބަހުގެ ހަމަލާއެއް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް އަމާޒު ކޮށްފިއެވެ.

Ads by MWSC

ކުރީގެ ރައީސް , ރައީސް ނަޝީދު، މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދަކީ ރައީސް މައުމޫނުގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމުގައެވެ.

"އަނިޔާ އާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލު ކުރުމަށް ނިންމާ ނިކުތް ދުވަސް. ޖަލުގައި އީވާން ނަސީމު ގައިގަ ތަޅާ މަރާލި ދުވަސް" އީވާން ނަސީމަށް މާތް ﷲ ސުވަރުގެ މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ނުޙައްޤުން އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ ކަމަށް އަބަދުވެސް ރައީސް ނަޝީދު ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ވެރިކަން ނިންމަވާލެއްވުމަށް ރައީސް މައުމޫނާއެކު ވަރަށް ގާތުން އެމަނިކުފާނު މަސައްކަތް ވެސް ކުރައްވާފައިވެއެވެ.

ޖަލުގައި އީވާން ނަސީމު މަރާލާފައި ވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. ނަމަވެސް އީވާން ނަސީމާއި ބެހޭގޮތުންނާއި އެދުވަހުގެ އެހާދިސާ އާއި ބެހޭގޮތުން ތަފާތު އެކި އަޑުތައް އަރާފައިވެއެވެ.

އީވާން ނަސީމު މަރާލި ދުވަހު މާލެތެރެ ވަރަށް ބޮޑަށް ހަލަބޮލިވެ، ހަމަނުޖެހުން ބޮޑުވިއެވެ. އެގޮތުން އެދުވަހު ގިނަ އަދަދެއްގެ ފުލުހުންގެ ބޮލުގައި އެޅިގަލުން ތަޅާ، ބޯ ފަޅާލި މަންޒަރާއި ފުލުހުންގެ ޖިޕުގައި އަލިފާން ރޯކޮށްލި މަންޒަރު ވެސް ފެނިގެން ދިޔައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!