ދުނިޔެ

ޖީ-20 ގައުމުތަކުގެ ތެރެއިން އެންމެ ހަލުވި ދުވެލީގައި ކުރާނެ އެއް ގައުމުގެ ގޮތުގައި އިންޑިއާ: އިގްތިސޯދީ ސާވޭ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އިންޑިއާގެ އިންޝުއަރެންސް ދާއިރާ ޖީ-20 ގައުމުތަކުގެ ތެރެއިން އެންމެ ހަލުވި ދުވެލީގައި ކުރިއަރާނެ ކަމަށް އެ ގައުމުގެ އިގްތިސޯދީ ސާވޭއިން ދައްކައިފި އެވެ.

މިކަން ފާހަގަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ޕާލިމަންޓަށް ހުށަހެޅި 2023-2024 ވަނަ އަހަރުގެ އިގްތިސޯދީ ސާވޭގަ އެވެ.

ސާވޭގައި ބުނީ އިންޑިއާގެ އިންޝުއަރެންސް ދާއިރާ 2024 އިން 2029 އަށް އަހަރަކު 8.9 ޕަސެންޓުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ޖީ-20 ގައުމުތަކުގެ ތެރެއިން އެންމެ މަތީ ކުރިއެރުމެވެ.

އިންޑިއާގެ ފައިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން ވިދާޅުވީ މި ކުރިއެރުމަކީ އިންޑިއާގެ އިގްތިސޯދީ ދުވެލި އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ލިބޭ ކުރިއެރުމެއް ކަމަށެވެ. އޭގެ ތެރޭގައި ޑިޖިޓަލް އިންޝުއަރެންސް އަށް ދެވޭ އަހައްމިއްޔަތުކަން ހިމެނެ އެވެ.

މީގެ އިތުރުން އިންޑިއާގެ އިންޝުއަރެންސް ދާއިރާގެ ކުރިއެރުމަށް މަގުފަހިވާ އެހެން ކަންތައްތަކުގެ ތެރޭގައި އާބާދީގެ ބޮޑު ބައެއް ޒުވާނުންނަށްވުމާއި، މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންގެ އަދަދު އިތުރުވަމުން ދިއުން ހިމެނޭ ކަމަށް ސާވޭގައި ފާހަގަކޮށްފައިވެ އެވެ.

މި ރިޕޯޓުން ބުނީ އިންޑިއާގެ އިންޝުއަރެންސް ދާއިރާގެ މި ހަލުވި ކުރިއެރުމަކީ މުޅި ގައުމުގެ އިގްތިސޯދަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށެވެ. އަދި މިއީ އިންޑިއާގެ މާލީ ދާއިރާގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ވެސް ބެލެވެ އެވެ.