ޚަބަރު

ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރި އަދަދު 74 ޕަސެންޓް ދަށަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހަތަރު ފުރޮޅީ އުޅަނދުތަކެއް--

ދެހާސް ތޭވީސް ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ރަޖިސްޓްރީކުރި ހަތަރު ފޮރޮޅުލީ އުޅަނދުތަކުގެ އަދަދު 74 ޕަސެންޓް ދަށްވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

މިނިސްޓްރީން މިއަދު "ސަރުކާރު"ގައި ޝާއިއުކުރި ލިޔުމެއްގައި ބުނީ މިއީ ހަތަރު ފުރޮޅުލީ އުޅަނދު ގަވައިދާ އެއްގޮތަށް ރަޖިސްޓްރީކޮށް ދިނުމުގައި މިނިސްޓްރީން އަދާާކުރި ޒިންމާއާއެކު އުސޫލުން ބޭރުން އެފަދަ އުޅަނދުތައް ރަޖިސްޓްރީވުން ނިމުމަކަށް ގެނައުމުގެ ނަތީޖާާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހަތަރު ފުރޮޅުލީ އުޅަނދު މިހާރު ރަޖިސްޓްރީ ކުރެވޭނީ އުޅަނދު ބާއްވާނެ ސައްހަ ގަރާޖެއް ދެއްކުމަށް ފަހު ކަމަށެވެ.

އަދި ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމަށް މިނިސްޓްރީގެ ފަރާތުން އެތަނަށް ގޮސް ގަރާޖު ޗެކް ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

"މި އާ އުސޫލުގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވުނު 4 ފުރޮޅުލީ އުޅަނދުގެ ނިސްބަތް ވަނީ %74.1 ދަށްވެފައެވެ. މިއީ މާލެ ސަރަހައްދަށް އިތުރުވަމުން ދިޔަ އުޅަނދުގެ މިންވަރު ވަރަށް ބޮޑު ތަނުން ދަށްވެފައިވާކަން ދައްކުވައިދޭ ތަފާސްހިސާބެކެވެ." މިނިސްޓްރީން ބުނެފައި ވެއެވެ.

އެއާއެކު މާލޭގެ މަގުތަކުގައި ޕާކުކުރެވިފައި ހުންނަ އުޅަނދުގެ އަދަދު މަދުވެ، ދަތުރުފަތުރު ތޮއްޖެހުމަށް ވަނީ ލުޔެއް ލިބިގެންގޮސްފައިވާކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

އެއް ގަރާޖަކަށް އެތައް ވެހިކަލެއް ރެޖިސްޓްރީކުރާކަމުގެ ތުހުމަތުތައް އޮންނަތާާ ވަރަށް ޒަމާންވެއްޖެ އެވެ. އެ މައްސަލައިގައި ނިމިގެން ދިޔަ މަޖިލީހުގައި ގަރާޖު ސިޓީ އުވާލަން ކޮމިޓީން ފާސްވެސްކުރި އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން އެ ނިންމުން ފާސްވާ ގޮތެއް ނުވިއެވެ.