ދުނިޔެ

ޖަނަވާރުންގެ ކެހެރިންވެސް ކޮރޯނާ ވައިރަސް ފެތުރިދާނެކަމުގެ ބިރު

ދެން އެމްވީ ، ދެން އޮންލައިން

ގޭގައި ގެންގުޅޭ ޖަނަވާރުންގެ ކެހެރިން ވައިރަސް ފެތުރިދާނެކަމުގެ ބިރު އެބައޮތްކަމަށާއި ގޭގައި ޖަނަވާރުން ގެންގުޅޭ ފަރާތްތަކުން އިތުރަށް ސަމާލުވާން ޖެހޭ ކަމަށް އިނގިރޭސިވިލާތުގައި ޖަނަވާރުންނަށް ފަރުވާދޭ ވެޓުންގެ ޓީމަކުން ބުނެފިއެވެ.

Ads by Sosun Fihaara

މައިގަނޑުގޮތެއްގައި ކެހެރިން ވައިރަސް ފެތުރެނީ ކެހެރީގައި ވައިރަސް ހަރުލައިގެންނެވެ. އެގޮތުން ބަލި ޖެހިފައި ހުރި މީހެއް ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުން ނުވަތަ އަތް ލުމުގެ ތެރެއިން ކެހެރީގައި ވައިރަސް ހަރުލައިގެން ވެސް ވައިރަސް ފެތުރިދާނެ ކަމަށް މާހިރުން ހާމަކޮށްފައިވެއެވެ. ހަމައެހެންމެ ގޭގައި ބަލި މީހަކު އުޅޭނަމަ އަދި ގޭގައި ގެންގުޅޭ ޖަނަވާރު ބޭރަށް ގޮސް އުޅުމުގެ ތެރޭގައި ވެސް ކެހެރީގައި ވައިރަސް ހަރުލުމަކީ ވެދާނެ ކަމެއް ކަމަށް މި ފަރާތުން ހާމަކުރެއެވެ.

ކެހެރީގައި ވައިރަސް ހުއްޓާ މީހަކު އޭގައި އަތް ލައިފިނަމަ ވައިރަސް އެމީހެއްގެ ގަޔަށް އެރުމުގެ ފުރުސަތު އޮންނައިރު މި ދުވަސް ވަރު އެންމެ ރަނގަޅު ގޮތަކީ ގޭގައި ގެންގުޅޭ ޖަނަވާރުންނާއި ގައިދުރުކަން ބެހެއްޓުމެެވެ. އަދި އާންމުކޮށް ފެންވަރުވާ ވަރަށްވުރެ ގިނައިން ޖަނަވާރު ފެންވަރުވާ ސާފުކުރުމަކީ ވެސް މުހިންމު ކަމެކެވެ.

ކޮރޯނާ ވައިރަހުގެ އަސަރު ޖަނަވާރުންނަށް ކުރާކަން އަދި ސާބިތުވެފައި ނެތްނަމަވެސް ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އޮވެއެވެ.

އާންމުކޮށް ވައިރަސް ހަރުލާ ތަންތަނުގައި ތިން ދުވަހަށް ވުރެ ގިނަ ދުވަހު ވައިރަސް ހަރުލާ ހުންނަ ކަމަށް މީގެ ކުރިން ކުރި ދިރާސާ އަކުން ވަނީ ހާމަވެފައެވެ.

ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމަށް ވައިރަހުގެ އަސަރުކޮށްފައިވާއިރު 950,430 މީހުން ވަނީ ވައިރަހަށް ޕޮސިޓިވްވެ އޭގެ ތެރެއިން 48,276 މީހުން ވަނީ މަރުވެފައެވެ. މިހާރު އެންމެ ގަދައަށް ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ޔޫރަޕުގެ ގައުމުތައް ކަމަށް ވާ އިޓަލީ، ޖާރމަނީ، ސްޕެއިން އަދި ފްރާންސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!