ޔަތީމު އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގައި 4 މީހުން ބަންދުކޮށްފި

ޕާކިސްތާނުގެ ޕަންޖާބު ސޫބާގެ ކަސޫރު ސަރަހައްދުގައި 7 އަހަރުގެ ޔަތީމު އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގައި 4 މީހަކު ބަންދުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެ ކުއްޖާގެ ބޮޑުބޭބެ އާއި އޭނާގެ ދެ ދަރިން ހިމެނެއެވެ.
ކަސޫރުގެ ޖުޑީޝަލް މެޖިސްޓްރޭޓް މުޙައްމަދު ޝަހްޒާދް ވަރައިޗް ވަނީ މި 4 މީހުން 4 ދުވަހުގެ މުއްދަތަށް ރިމާންޑް ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، ފުލުހުން ވަނީ މި ހާދިސާ ހިނގި ތަނުން ހެކި ހޯދައި، ޑީއެންއޭ ޓެސްޓުތައް ހެދުމަށް ސާމްޕަލްތައް ނަގާފައެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މަރުވި ކުއްޖާގެ ހަށިގަނޑު ފެނުނީ އޭނާގެ ގޭގެ ކައިރީގައި ހުރި ދަނޑެއްގެ ތެރެއިންނެވެ. މި މައްސަލައިގެ ސަބަބުން އެ ސަރަޙައްދުގެ ރައްޔިތުން ވަނީ ބޮޑަށް ކަންބޮޑުވެފައެވެ.
ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރ ޝަހްބާޒް ޝަރީފް ވަނީ މި މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، އަވަހަށް ތަޙުޤީޤުކޮށް ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ. އަދި އިތުރު މަޢުލޫމާތު ލިބުމުން ޢާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
