ޚަބަރު

މަގުމަތިން "ޑެޑްޕޫލް" ހުއްޓުވައި ފުލުހުން ސުވާލުކޮށްފި

. ، ދެން އޮންލައިން
ޑެޑްޕޫލް ކޮސްޓިއުމް އަޅައިގެން ހުރި މީހަކަ ފުލުހުން ސުވާލުކުރަނީ

އެމެރިކާގެ މާވެލްގެ ކެރެކްޓާ "ޑެޑްޕޫލް" ގެ ކޮސްޓިއުމް އަޅައިގެން މާލޭ މަގުމަތީގައި މީހަކު އުޅޭ ވީޑިއޯއެއް ރޭ އާއްމުވެއްޖެ އެވެ.

Ads by STELCO

ސޯޝަލް މިޑީއާގައި އާއްމުވެފައިވާ ވީޑިއޯއެއްގައި މަގުމަތީގައި ޑެޑްޕޫލް ކޮސްޓިއުމް އަޅައިގެން އުޅޭ މީހެއް ފެނެ އެވެ. އެ މީހާ ހުއްޓުވައި ފުލުސް އޮފިސަރުންތަކެއް އޭނާއާ ސުވާލުކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ކޮސްޓިއުމް ލައިގެން ހުރި މީހަކު، ކާކުކަން ނޭނގޭ ގޮތަށް މާސްކު އަޅައިގެން މަގުމަތީގައި އުޅޭތީ ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ.

އެކަމަކު ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެންގޮސްފައިނުވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ) ގައި ޑެޑްޕޫލް ކޮސްޓިއުމް އަޅައިގެން ހުރި މީހަކު ހަރަކާތްތެރިވާ ވީޑީއޯއެއް ހުސްވި އަހަރުގެ އޮގަސްޓު މަހު ވައިރަލްވި އެވެ. އޭރު ފުލުހުން ބުނީ ޑެޑްޕޫލް ކޮސްޓިއުމް އަޅައިގެން ހުރި މީހާ އެއާޕޯޓަށް ދިޔައީ ރައްޓެއްސަކު ބަލައި ކަމަށެވެ.

ޑެޑްޕޫލް އަކީ 2016 ވަނަ އަހަރު ޓިމް މިލާ ޑައިރެކްޓްކުރި އެމެރިކާގެ ސުޕަހީރޯ ފިލްމުގެ ކެރެކްޓާއެކެވެ. ހަމަ އެ ނަމުގެ މާވެލް ކޮމިކްސްގެ ކެރެކްޓާއަށް ބިނާކޮށް 20 ވަނަ ސެންޗަރީ ފޮކްސް އިން ޑިސްޓްރިބިއުޓްކޮށްފައިވާ މި ފިލްމަކީ އެކްސް-މޭން ފިލްމު ސީރީޒްގެ ސްޕިން އޮފް އަދި އޭގެ ޖުމްލަ 8 ވަނަ ފިލްމެވެ.

ރަޔަން ރެނޮލްޑްސް ޑެޑްޕޫލްގެ ރޯލުން ފެނިގެންދާއިރު، ޑެޑްޕޫލް ތިން ފިލްމެއް ހިމެނެ އެވެ. ޑެޑްޕޫލް (2016)، ޑެޑްޕޫލް 2 (2018) އަދި އެންމެ ފަހުގެ ފިލްމު ޑެޑްޕޫލް އަދި ވޮލްވަރީން (2024) އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!