2024 ވަނަ އަހަރު 108 ނޫސްވެރިން މަރާލައިފި

2024 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާލެވުނު ނޫސްވެރިންގެ އަދަދު 108 ކަށް އަރާފައިވާކަމަށް ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމިއްޔާއިން ހާމަކޮށްފި އެވެ.
ނޫސްވެރިންގެ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާލެވުނު ނޫސްވެރިންގެ އަދަދު ރެކޯޑު އަދަދަކަށް އެރި ފުރަތަމަ ފަހަރު ކަމަށެވެ.
ރިޕޯޓުގައި ބުނީ މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެއް އަހަރެއްގައި މަރާލެވުނު އެންމެ ގިނަ ނޫސްވެރިންގެ އަދަދު ކަމަށެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ނޫސްވެރިން މަރާލެވިފައިވަނީ ހަނގުރާމައިގެ ސަރަޙައްދުތަކުގައި ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މި އަހަރު މަރާލެވުނު ނޫސްވެރިންގެ ތެރެއިން 40 އިންސައްތަ ނޫސްވެރިން މަރާލެވިފައިވަނީ ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގަ އެވެ.
މީގެ އިތުރުން، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ނޫސްވެރިން މަރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
