ދުނިޔެ

ޓައިވާން ކައިރިން 62 ޗައިނާ މަތިންދާބޯޓާއި އެމެރިކާ ކަނޑުބޯޓުތައް ފާހަގަކުރެވިގެން ކަންބޮޑުވުން 

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޓައިވާން ސަރަހައްދުން 62 ޗައިނާ މަތިންދާބޯޓާއި އެމެރިކާ ކަނޑުބޯޓުތައް ފާހަގަކުރެވިގެން އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓައިވާން ކައިރި ސަރަހައްދުން 62 ޗައިނާ މަތިންދާބޯޓު ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކާއި ޑްރޯންތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ހަރަކާތްތައް ހިނގަމުންދިޔައިރު، އެމެރިކާގެ ދެ ކަނޑުބޯޓު ޓައިވާން ހަނިކަނޑުން ދަތުރުކުރިކަމަށް ވެސް ޓައިވާން ޑިފެންސް މިނިސްޓްރީން ބުންޏެވެ. މި ދެ ބޯޓަކީ ޔޫއެސްއެސް ރަލްފް ޖޯންސަން އަދި ޔޫއެސްއެސް ރޮބަރޓް ސްމޯލްސް އެވެ.

ޗައިނާއިން ޓައިވާން ކައިރި ސަރަހައްދުގައި މިފަދަ ހަރަކާތްތައް ހިންގަމުންދާއިރު، އެމެރިކާއިން ވެސް ޓައިވާން ހަނިކަނޑުން އަސްކަރީ ބޯޓުފަހަރު ދުއްވަމުންދާކަން ފާހަގަކުރެވެއެވެ. މިއީ ދެ ބޮޑު ބާރުގެ މެދުގައި އޮތް ވާދަވެރިކަން އިތުރަށް ފާޅުވެގެންދާ ކަމެއްގެ ގޮތުގައި ސިޔާސީ ތަހުލީލުވެރިން ދެކެއެވެ.

ޗައިނާއިން ޓައިވާނަކީ އެ ގައުމުގެ ބައެއް ކަމަށް ދެކޭއިރު، އެމެރިކާއިން ޓައިވާންގެ މިނިވަންކަމަށް ތާއީދުކުރާކަން ފާހަގަކުރެވެ އެވެ. މި ދެ ބާރުގެ މެދުގައި އޮތް ތަފާތު ވިސްނުމުގެ ސަބަބުން، މި ސަރަހައްދުގައި ގިނަ ފަހަރު އަސްކަރީ ހަރަކާތްތައް ހިންގާކަން ފާހަގަކުރެވެ އެވެ.

ޓައިވާން ސަރުކާރުން މި ހާދިސާއާ ގުޅޭގޮތުން ވަކި ބަޔާނެއް ނެރެފައި ނުވިނަމަވެސް،ޑިފެންސް މިނިސްޓްރީން ބުނީ މި ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. އަދި ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!