ރޯދަ މަހުގެ ކުރިއަށް މާހެފުމަކީ ބިދުއައެއް ނޫން: މިނިސްޓަރު ޝަހީމް

ރޯދަ މަހުގެ ކުރިން މާހެފުމަކީ ބިދުއައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރޯދަ މަހުގެ ކުރިން މާހެފުމުގެ ނަމުގައި ގުޅުން ބަދަހިކުރުމަށް ތަންތަނަށް އެއްވެ ކެއިންބުއިމުގެ ކަންކަން ގެންދިއުމަކީ އަބަދުވެސް ދިވެހީންގެ ތެރޭގައި އޮތް އާދައެކެވެ. ރޯދަ މަހަށް ނޫނަސް، އެކިއެކި މުނާސަބަތުތަކާ ގުޅިގެން ދިވެހިން ކޮށް އުޅޭ ކަމެކެވެ.
ނަމަވެސް ރޯދަ މަހުގެ ކުރިއަށް މާހެފުން އެއީ ރޯދަ މަހާ ދިމާކޮށް ކުރާ ކަމެއް ގޮތަށް ނޫނީ ރޯދަ މަހުގެ އަޅުކަމާ ގުޅުވައިގެން ކުރާ ކަމެއް ގޮތަށް ސިފަކޮށް އެއީ ބިދުއައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ލިޔުންތައް މި ފަހުން ދައުރުވި އެވެ.
އެ ކަންކަމާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ ރޯދަ މަހުގެ ކުރިން މާ ހެފުމަކީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި އޮތް އިޖްތިމާއީ އާދައެއް ކަމަށެވެ. އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމަކަށް ނުވާތީ އެއީ ބިދުއައަކަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޝަރުޢުގައި މަނާކުރައްވާފައިވާކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއް،" މީގެ ކުރިން ވެސް ދެ ސަރުކާރެއްގައި އިސްލާމިކް މިނިސްޓަރު ކަން ކުރައްވާފައިވާ ޝަހީމް ވިދާޅުވި އެވެ.
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ވެސް ރިވެތި އާދައެއް ކަމަށް އޮގޮނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ ޝަހީމް ވިދާޅުވި އެވެ.
"ރަމަޟާން މަހަށް އިސްތިގުބާލު ކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ އަމަލަކީ އިހުލާސްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން. ރަމަޟާން މަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރު ކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް،" ޝަހީމް ލިޔުއްވާފައިވެ އެވެ.