ދުނިޔެ

ޗައިނާގެ ސުވާލު އެމެރިކާ އަށް: ވައިރަސް ހުއްޓުވިދާނެތަ؟

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ހަނގުރާމަކުރުމުގެ ގާބިލުކަން އެމެރިކާގެ ސަރުކާރުގައި ހުރި ކަމާމެދު ޗައިނާއިން ސުވާލު އުފައްދައިފިއެވެ.

Ads by Sosun Fihaara

ޗައިނާގެ ކޮރޯނާ ވައިރަހާއި ބެހޭ މާހިރުންގެ ޓީމުގެ ލީޑަރު ޑރ. ޒޮންގ ނަންޝަން ބުނެފައިވާ ގޮތުގައި އެމެރިކާގައި މިހާރު ވައިރަސް ފެތުރެމުންދާ ހަލުވިމިން ނުހިފެހެއްޓި ފެތުރިގެންދާނަމަ މިކަން ވެގެން ދާނީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެގެންދާނެ ކާރިސާއަކަށެވެ. އަދި މުޅި ދުނިޔޭގެ ސަލާމަތަށް ޓަކައި އެމެރިކާ ސަރުކާރުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޑރ. ޒޮންގ ނަންޝަން މިހެން ބުނެފައިވަނީ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި އެހެން މާހިރުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ޗައިނާގެ މީޑިއާއަށް މައުލޫމާތުދެމުންނެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާގައި ވައިރަހާއި ދެކޮޅަށް އަޅަމުންގެންދާ ފިޔަވަޅުތަކާއިމެދު ދެކޭގޮތް ނޫސްވެރިޔަކު އެހުމުން ޑރ. ޒޮޮންގ އިތުރަށް ބުނެފައިވަނީ އެމެރިކާގައި ވައިރަހަށް ސްކްރީން ކުރުމުގެ ނިޒާމު މިހާރު ކުރިއަށް ވުރެ ވަރުގަދަ ވެފައިވާ ކަމަށެވެ. އަދި ވައިރަހުގެ އަލާމާތް ނުހުންނަ ބަލިމީހުންވެސް ދެނެގަނެ ފިޔަވަޅުތައް މިހާރަށް ވުރެ ވެސް ވަރުގަދަކުރަންޖެހޭ ކަމުގައެވެ.

މިހާރު އެންމެ ކަންބޮޑުވާ ކަމަކީ ބައެއް ގައުމުތަކުގައި ވައިރަސް ފެތުރެމުންދާ ހަލުވި ސްޕީޑް ކަންވެސް ޑރ. ޒޮންގ ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް މުޅި ދުނިޔެއިން 180 ގައުމަށް ވުރެ ގިނަ ގައުމުން ވައިރަސް ފެނިފައިވާއިރު ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ވަނީ ބަލި މުޅިން ކޮންޓްރޯލް ކުރެވިފައެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ވައިރަސް ކޮންޓްރޯލް ނުވެ ނުރައްކާ ބޮޑުވަމުން އަންނައިރު މި ވައިރަހަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ގޮތުގައި އދ. އިން ވަނީ ސިފަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!