ޚަބަރު

ފްލެޓު ލިސްޓު ބުރާސްފަތި ދުވަހު އިއުލާންކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މީދޫ އަށް ވަޑައިގެންނެވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މި ހަފްތާގެ ބުރާސްފަތި ދުވަހު އިއުލާނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ފްލެޓް ލިސްޓު އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނި ނަމަވެސް އެ މުއްދަތަށް ލިސްޓު އާންމު ނުކުރެވުނު އިރު ދެން މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގައި ލިސްޓު އާންމުކުރާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތަށް ވެސް އާންމެއް ނުކުރެ އެވެ.

އޭގެ ފަހުން ހައުސިން މިނިސްޓްރީން ބުނީ ކުރިން އާންމު ކޮށްފައިވާ "ގެދޮރުވެރިޔާ" ސްކީމުގެ އުސޫލުގެ ދަށުން ކަށަވަރުކުރަން ޖެހޭ ގިނަ ކަންކަން ހުރުމާއި ގުޅިގެން އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. އެހެންވެ އަނެއްކާވެސް މުއްދަތެއް ނެތް ގޮތަށް ލިސްޓު ނެރުނު ފަސްކޮށްފައިވާ ކަމަށެވެ.

ދ. އަތޮޅު ހުޅުދެލި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން ބާއްވާ ނޫސްވެރިން ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކަން އިއުލާން ކުރައްވާނެ ކަމަށެވެ.

"4،000 ފްލެޓް ލިސްޓް، ބުރާސްފަތި ދުވަހު ހައުސިން މިނިސްޓަރު ބާއްވާ ޕްރެސް ބައްދަލުވުމުގައި އިއުލާނުކުރާނެ'' ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލާނެ ކަމަށެވެ. އެމަނިކުފާާނު ވިދާޅުވީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ ފުރުސަތު ނުލިބޭ ރައްޔިތަކު ނުހުންނާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓް ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅައިފަ އެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި، އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓު ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ރައީސް މުއިއްޒުގެ ލަފާފުޅުގެ ދަށުން ފްލެޓު މައްސަލައިގައި ނިންމަންޖެހޭ ނިންމުންތަކަށް ލަފާ ދިނުމަށް 'ގެދޮރުވެރިންގެ ކޮމިޓީ' ގެ ނަމުގައި ފަސް މެންބަރުންގެ ކޮމިޓީއެއް އެެއް ވަނީ އެކުލަވާލާފަ އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.