ޚަބަރު

މީޑިއާ ކައުންސިލުން ހުސެން ހަސަން އިސްތިއުފާ ދެއްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީގެ ގައުމީ މަޖިލީހުގައި، ނޫސްވެރިޔާ ހުސެން ހަސަން - ފޮޓޯ: އެމްޑީޕީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިޔާ ހުސެން ހަސަން އިސްތިއުފާ ދެއްވައިފި އެވެ.

"ހަތާވީސް" ގެ ނަމުގައި އަމިއްލަ ނޫހެއް ހިންގަވަމުންދާ ހުސެން މީޑިއާ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް ކަމަށް އޭނާ އިންތިހާބުވެފައި ވަނިކޮށެވެ.

މީޑިއާ ކައުންސިލްގެ ރައީސް ހުސެން ސަގީފަށް ހުސެން ފޮނުވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ކައުންސިލުން އޭނާ އިސްތިއުފާ ދެއްވަން ނިންމެވީ އެ ކައުންސިލަކީ ނުފޫޒުން އެއްކިބާވެފައި އޮންނަ މިނިވަން މުއައްސަސާއެއް ގޮތުގައި ދެމިއޮންނަން ބޭނުންވާތީ ކަމަށެވެ.

"ސަން" އާއި "ރާއްޖެ ޓީވީ" އިން އާންމުންގެ މަގުބޫލުކަން ހޯދި ނޫސްވެރިޔާ ހުސެން ވިލިނގިލި ދާއިރާގެ ރައީސްގެ އިންތިހާބު ކާމިޔާބުކުރެއްވީ، މިދިޔަ 10 އަހަރު ރައްޔިތުންގެ މަޖިލީހުގައި ވިލިނގިލި ދާއިރާ ތަމްސީލްކުރެއްވި މެންބަރު ސައުދު ހުސެނާ ވާދަކުރައްވަ އެވެ.