ޚަބަރު

ތިން ބާރު ރައީސްގެ އަތަށް މަހައިލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތެދުވާން އެމްޑީޕީން ގޮވާލައިފި

. ، ދެން އޮންލައިން
އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: ދެން

ދައުލަތުގެ 3 ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތަށް މަހައިލުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުން ތެދުވާން އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު މިއަދު ވަނީ އިސްތިއުފާދެއްވާފަ އެވެ.

އިސްތިއުފާގެ ސިޓީގައި ސުއޫދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ ގުޅިގެން ސަރުކާރުން ގާނޫނު އަސާސީ އާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ސުއޫދުގެ ސިޓީގައި ވިދާޅުވެފައިވާ ކަންކަމަށް އިޝާރާތްކޮށް އެމްޑީޕީން ބުނީ، ސުއޫދު ކުރައްވާ ތުހުމަތުތައް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީން ބުނީ، ޖޭއެސްސީ އާއި އޭސީސީ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަމުންދަނީ އެއްވެސް އަސާސެއް ނެތި ސަރުކާރުން ބޭނުންވާ ގޮތަށް ކޯޓަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި އެކަން ތަހުގީގުކޮށް ރައްޔިތުން ހަރުކަށި އަދަބު ދޭނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އާރާއި ބާރުވެރިކަން މިއަދު އޮތުމުން އެ މައްސަލަތައް ނުބެލޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އޮތް ނަމަވެސް މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް އެމަނިކުފާނު އިސްވެ ހުންނަވައި ދެމުންދާ ހަމަލާތައް ތަހުގީގުކޮށް ހަރުކަށި އަދަބު ދިވެހި ރައްޔިތުންނަށް ދޭނެކަަން ހަނދުމަކޮށް އަރުވަމެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލި އެވެ.

"ދައުލަތުގެ 3 ބާރު ރައީސްގެ އަތަށް މަހައިލުމަށް ޕީއެންސީން ހިންގަމުންދާ ގައިރު ދުސްތޫރީ ގައިރު ގާނޫނީ އަމަލުތަކާ" ދެކޮޅަށް ތެދުވެ އިހުތިޖާޖުކުރުމަށް އެމްޑީޕީން ވަނީ ހުރިހާ ރައްޔިތުންނަށް ގޮވާލާފަ އެވެ.