ޚަބަރު

ރާއްޖެއާ މެދު ބައިނަލްއަގުވާމީ ދުނިޔެ އުންމީދު ކަނޑާލީތޯ އިންތި ސުވާލު އުފައްދަވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްތިޔާޒު ފަހުމީ (އިންތި) ވާހަކަ ދައްކަވަނީ / ފޮޓޯ:ދެން އިމޭޖްސް

ރާއްޖެއާ މެދު ބައިނަލްއަގުވާމީ ދުނިޔޭން އުންމީދު ކަނޑާލީތޯ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ 'ދަ ޑިމޮކްރެޓްސް' ގެ ރައީސް އިމްތިޔާޒު ފަހުމީ މިރޭ ސުވާލު އުފައްދަވައިފި އެވެ.

އިމްތިޔާޒު (އިންތި) މި ސުވާލު އުފެއްދެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ، ސަރުކާރު އަދި ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހާ ދެމެދު ނުތަވަނަސް ކަމެއް އުފެދިފައި ވަނިކޮށެވެ.

އިންތި އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ޔުނައިޓެޑް ނެޝަންސް ނުވަތަ އެކުވެރި ދައުލަތްތައް (އދ.) ގެ އެޖެންސީތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރަށް ރާއްޖެއާ ގުޅުން އޮންނަ ދޭދޭ ގައުމުތަކުންވެސް ރާއްޖޭގައި ހިނގަމުންދާ ކަންކަމަށް މިހާރު ބަސް ނުބުނާ ކަމަށެވެ.

"ރާއްޖޭގެ ޖުޑިޝަރީއާ އެއްކޮޅަށް ވިޔަސް، ދެކޮޅަށް ވިޔަސް މިހާރު ބަހެއް ނުބުނެ، ކަންބޮޑުވުމެއް ފާޅުނުކޮށް އެ ވަނީ ރާއްޖެއާމެދު މުޅިން އުއްމީދު ކަނޑާލީބާ؟" އިިންތިގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

ސުޕްރީމް ކޯޓާއި އަނެއް ދެ ބާރާ ދެމެދު އުފެދިފައިވާ ނުވަތަނަވަސްކަން

މި ވީ ގޮތަކީ ރައްޔިތުންގެ މަޖިލީހުން ނުވަ ގަޑިއިރުގެ ތެރޭގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއްގެނައީ އެވެ. އޭގެ ތެރެއިން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުމަކަށް ވީ، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ހާލަތްތަކެއް ގާނޫނުއަސާސީގައި އިތުރު ކުރުމެވެ.

އެއިން ވެސް ބޮޑު ކަންބޮޑުވުމެއް އުފެދުނު ކަމަކީ ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް އޮތުމެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އޭގެ ސަބަބުން ސިޔާސީ ޕާޓީގެ ސުލޫކު ކޮމިޓީއެއްގައި ތިބޭ މަދު ބަޔަކަށް މެންބަރުގެ ގޮނޑި ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިފައި އޮންނާނެ ކަމަށެވެ.

މި ކަންބޮޑުވުންތަކާއެކު، ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދީފައި އޮންނަ ބާރުތަކުގެ މާއްދާތަކާއި ގާނޫނުއަސާސީއަށް މި އިތުރުކުރި މާއްދާތަކާ ފުށު އަރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދީ އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލަ ބަލަން ފެށުމުން ދައުލަތުން ވަނީ އެ މައްސަލަ ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދީފައި ނުވާ ކަމަށް ބުނެ އިއުތިރާޒެއް ފާހަގަކޮށްފަ އެވެ. ނަމަވެސް އެއާ މެދު ވަކި ގޮތެއް ނުނިންމައި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމި އެވެ.

އޭގެ ފަހުގައި މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ބިލެއް ހުށަހެޅި އެވެ.

ކޯޓުތަކުގެ ގާނޫނަށް އެ ބަދަލު ގެންނަން ފާސްކުރަން އޮތް ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުން ފަސްކޮށްދިނުމާއި މެންބަރުންގެ ގޮނޑި ގެއްލޭ އާ އިޖުރާއަތަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރުތަކާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

އަޑުއެހުމުގެ ފެށުމުގެ ކުރިއަށް ފުރަތަމަ ކަމަކަށް މަޖިލީހުން ބިލު ފާސްކުރި އެވެ. ދެވަނަ ކަމަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުން އެއްތަންކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު، އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރަން ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާކަން ޖޭއެސްސީއަށް އެންގުމުންނެވެ.

ޖޭއެސްސީން މި ފަނޑިޔާރުންގެ ވަކިވަކި ސުލޫކީ މައްސަލަތަކެއް ވެސް ބަލަމުން ދަނިކޮށް ސުއޫދު ފަނޑިޔާރު ވަނީ މަގާމުން މިއަދު އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އެކަމަކު އޭގެ ސިޓީ ޖޭއެސްސީއަށް ނުލިބޭތީއާއެކީ މަގާމުން އަދި ވަކިނުވާ ކަމަށް ކަނޑައަޅައި، އިތުރު މައްސަލަތަކެއް ބެލުމަށް މިއަދު ފާސްކޮށްފައިވެ އެވެ.

ސުއޫދުގެ ސިޓީގައި ރައީސް މުހައްމަދު މުއިއްޒަށް ވަރަށް ބޮޑެތި ތުހުމަތުތައް ވެސް ކުރައްވާފައިވެ އެވެ.