ބޭރު ދުނިޔެ

އިންޑިއާގައި އެއްމާބަނޑު ދެކުދިންނަށް ނަން ދިނީ، ކޮވިޑް އަދި ކޮރޯނާ ގެ ނަމުން

ދެން އެމްވީ

ކޮވިޑް-19 ގެ ލޮކްޑައުންގައި އޮތް އިންޑިއާގެ ޗައްތިސްގަރު ގައި އުފަންވި އެއްމާބަނޑު އަންހެން ކުއްޖަކަށާއި ފިރިހެން ކުއްޖަކަށް ކޮރޯނާ އާއި ކޮވިޑް ގެ ނަމުން ނަންދީފިއެވެ. މާރިޗު 27 ވަނަ ދުވަހު އުފަަންވެފައިވާ މި ދެކުދިން ލިބިފައިވަނީ ޕްރިތީ އާއި ވިނޭ ވަރުމާ ކިޔާ ދެމަފިރިންނަށެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެކުދިންނަށް މިނަން ކިޔަން ނިންމީ ވިހެއުމުގެ ތެރޭގައި ދިމާވި ދަތި އުނދަގޫ ތަކުގެ ސަބަބުން ކަމުގައި ދެކުދިންގެ މަންމަ ބުނެފައިވެއެވެ.

އުމުރުން 27 އަހަރުގެ ޕްރީތީ އިތުރަށް ބުނީ ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި ފުރާނަ އަށް ގެއްލުންދޭ އެއްޗެއްކަން އެނގޭ ކަމަށާއި ނަމަވެސް ކޮވިޑް-19 ގެ ފެތުރެން ފެށުމުގެ ސަބަބުން ސާފު ތާހިރު ކަމާއި ރީތި އާދަތައް މީހުންގެ ކިބައިގައި އަށަގެންފި ކަމަށެވެ. އަދި އެކުދިން އުފަންވި ދުވަހަކީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ދުވަހެއް ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.

ރައިޕޫރުގެ ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ ޑރ. ބިމް ރާއޯ އަމްބެޑްކަރު މެމޯރިއަލް ހޮސްޕިޓަލުގައި ޕްރިތީ ވިހެއިރު ކޮރޯނާ ވައިރަހުގެ ސަބަބުން ކޮށްފައިވ ާ ލޮކްޑައުންގެ ސަބަބުން އާއިލާގެ އެހެން އެއްވެސް މެންބަރަކަށް ހޮސްޕިޓަލަށް އާދެވިފައިނުވާ ކަމަށް ވެސް ދެކުދިންގެ ބައްޕަ ބުނެފައިވެއެވެ.

ދެކުދިން ގެ ހާލު ރަނގަޅުކަމަށާއި އަދި ފަހުން ނަން ބަދަލު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ވެސް ޓައިމް އޮފް އިންޑިއާއިން ދެކުދިންގެ ބައްޕައާއި ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!