ޚަބަރު

ހިންގަން ނޭނގުމުގެ އަގު ދައްކަން ޖެހެނީ ރައްޔިތުންނެއް ނޫން: ޝާހިދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު "ދެން" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސަރުކާރު ހިންގަން އެނގިވަޑައިނުގަތުމުގެ އަގު ދައްކަން ޖެހެނީ ދިވެހި ރައްޔިތުން ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މަރުކަޒީ ބޭންކް އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ މަސައްކަތްކުރާކަމަށް އެމްޑީޕީއިން ތުހުމަތުކޮށްފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ކުރަން އުޅެނީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އަދި އެއީ އިންޓަނޭޝަނަލް މަނެޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުގެ އިތުރުން ވެސް ބައިނަލްއަގުވާމީ އިގްތިސާދީ މާހިރުންގެ ލަފަޔާ ޚިލާފު އަމަލެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މާލީ ސިޔާސަތު ހަރުދަނާކޮށް، ޚަރަދުކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އިގުތިސޯދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި އިގުތިސޯދަށް ލޮޅުން އަންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތުމީހާއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ކާނާއާއި، ތެލާއި، އަސާސީ މުދަލުގެ އަގު ބޮޑުވެ، ޑޮލަރު ހޯދަން މިހާރު ވެސް ދަތިއިރު އިހުނަށްވުރެ އެކަން ވެސް ދަތިވެ، ދިގު ރާސްތާގައި ސަރުކާރަށް ޓެކްސް ބޮޑުކޮށް އާއްމު ޚިދުމަތްތައް މެދުކަނޑާލަން ޖެހޭ ހިސާބަށް ދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ކާޑުގެ ބާވަތްތަކާއި ތެލާއި ޒަރޫރީ ތަކެތީގެ އަގު އުފުލުމާއި ޑޮލަރު ލިބުން ދަތިވެ، ދިގު މުއްދަތެއްގައި ޓެކްސް ބޮޑުވުމާއި އާންމު ހިދުމަތްތަކަށް ކަނޑާލުމަކީ އާދައިގެ ދިވެހިންނަށް ކުރިމަތިވާނެ ވަރަށް ދަތި ކަންކަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބިން ގަންނަން އުޅޭ މައްސަލައަށް ފާޑުވިދާޅުވެ ޝާހިދު ވިދާޅުވީ އެމް.އެމް.އޭ އަކީ ބިން ބޭނުންވާ ތަނެއް ނޫންކަމަށާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަނުމުގެ މެންޑޭޓްވެސް އޮތް ބައެއް ނޫން ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރުން ޖެހުނު މަގަކުން ފައިސާ ހޯދަން މަސައްކަތް ފެށީ ޚާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުން ވެސް އެއްވެސް ފައިސާއެއް ނުލިބުމުން ކަމަށެވެ. މިއަދުގެ ސަރުކާރަށް ސަރުކާރު ހިންގަން ނޭނގުމުގެ އަގު ދައްކަން ޖެހޭނީ ދިވެހި ރައްޔިތުން ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބިން ގަތުމުގެ ނަމުގައި ސަރުކާރުން ހިންގަން އުޅޭ ކަންކަމަކީ އެމްއެމްއޭ ގެ ޤާނޫނާއި ހަރަށް ޒިންމާވުމުގެ ގާނޫނާ ވެސް ހިލާފު، އަދި އޭގެ ސަބަބުން ދިގު މުއްދަތަކަށް އިގުތިސޯދަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށާއި، އެކަން ވަގުތުން ހުއްޓާލަން ޖެހޭކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިއީ މަނިޓަރީ އޮތޯރިޓީގެ ގާނޫނާއި ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނާ ހިލާފު ކަމެއް، އެއީ މަރުކަޒީ ބޭންކުގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އިގްތިސާދު ހީނަރުކަމާއި ދިގު މުއްދަތަކަށް ހަލަބޮލިކަމަށް ގެންދިއުން. އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުމުގެ ކުރިން އެކަން ހުއްޓުވަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

Ads by Allied Insurance