ސިފައިން މެންދުރުން ފެށިގެން ފެން ހިންދަން ތިބީ ތައްޔާރަށް

މިއަދުގެ ވަގުތަކުން ފެށިގެން މާލެ ސަރަހައްދު ހިމެނޭހެން މެދުރާއްޖެ ތެރެއަށް ވިއްސާރަ ވާނެ ކަމަށް މެޓް އޮފީހުން ލަފާކުރުމުން މިއަދު މެންދުރުން ފެށިގެން މަގުތައް ފެންހިންދުމަށް ސިފައިން ތައްޔާރަށް ތިބި ކަމަށް ސިފައިންގެ ފޯހުން މިއަދު ބުނެފި އެވެ.
ސިފައިން ބުނީ މާލެއަށް ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެކަން އެނގުނު ހިސާބުން ފެށިގެން ވިއްސާރައިގެ ސަބަބުން ރައްޔިތުންނާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
މިއަދު މެންދުރުން ފެށިގެން އާންމުކޮށް ފެންބޮޑުވާ ހިސާބުތަކުގައި ޕަމްޕުތައް ބަހައްޓާ ފެންހިންދުމުގެ މަސައްކަތަށް ރެޑީވެފައިވާ ކަމަށް ސިފައިން ބުންޏެވެ. އެ ގޮތުން، މާލެ ތިން ސަރަހައްދުގައި އެ މަސައްކަތް ދަނީ ކުރަމުންނެވެ؛
- އައިޖީއެމްއެޗް ސަރަހައްދު
- ވެސްޓްޕާކް ސަރަހައްދު
- މާފަންނު ފެރީ ޓާމިނަލް
ހަމަ އެގޮތުން އާންމުން ދިރިއުޅޭ ގެތަކަށާއި އެހެނިހެން އިމާރާތްތަކަށް ފެން ވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކޮށްދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގައި ވެސް ސިފައިިން ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް، މޫސުން އަލިކޮށް އޮތް ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލުންނާއި ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ދިޔައީ ކުރަމުންނެވެ.
އާރުޑީސީ މެދުވެރިކޮށް ސިޓީ ކައުންސިލުން ބޮޑު ދެ ޕަމްޕު ވެސް ވަނީ ގެނެސްފަ އެވެ. ތިން އިންޗި ފުޅާ މިނުގެ ސޮލިޑް, ފަސޭހަ ކަމާ އެކު ދަމާލެވޭ އެ ޕަމްފުން މިނެޓަކު 11356.24 ލީޓަރު ފެންބޭރު ކޮށްލެވޭ ދެ ޕަމްޕެކެވެ. މީގެ ކުރިން ފެންހިންދުމަށް މާލެ ސިޓީގައި ބޭނުން ކުރަމުން އައީ މިނެޓަކު 900 އަދި 1300 ލީޓަރުގެ ފެންހިންދާ ޕަމްޕުތަކެވެ.