ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ އެ މަގާމަކީ ހައިކޯޓަށް އައްޔަންކޮށްފައިވާ، އެ ކޯޓުގައި މަސައްކަތް ކުރައްވަމުންގެންދަވާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 47000ރ ލިބިވަޑައިގަންނަވާނެ އެވެ. އަދި ލިވިން އެލަވެންސް އަށް 18000ރ ލިބިވަޑައިގަންނަވާނެ އެވެ. ރިސްކު އެލަންވެންސުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 3300ރ އެވެ.
ޖޭއެސްސީން ބުނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވެންސްއާ ހެލްތް އިންޝިއުރެންސް ލިބޭނެ ކަމަށެވެ. މަގާމަށް ކުރިމަތިލުމުގެ ޝަރުތު ތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރައްވަމުން ގެންދާ ފަރާތަކަށްވުން ހިމެނެ އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އިސްފަނޑިޔާރަށް އެދި ލިޔުންތައް ހުށަހަޅަން ވާނީ ފަހިރެސް ޕޯޓަލްގެ ލިންކު މެދުވެރިކޮށެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަހީދު އިއްޔެ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމުންނެވެ.
