ޚަބަރު

ޞިއްޙީ ޚިދުމަތްތެރިންގެ އާދޭސް: ގޭގައި މަޑުކޮށް ފުރާނަތައް ސަލާމަތް ކޮށްދެއްވާ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ނުރައްކާތެރިކަން ދުވަހަކަށްވުރެ ދުވަހެއް ދަނީ ބޮޑު ވަމުންނެވެ. މި ބައްޔަށް ވެކްސިނެއް ބޭހެއް މިހާތަނަށް އުފެއްދިފައި ނުވާއިރު ޞިއްޙީ ޚިދުމަތްތެރީންގެ އިރުޝާދަކީ އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމެވެ. ނުވަތަ ގޭގައި މަޑު ކުރުމެވެ. ހަމައެއާއެކު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއެކު ގިނަގިނައިން އަތްދޮވުމެވެ. ޞިއްޙީ މާހިރުންގެ މި އިރުޝާދު އެފަރާތްތަކުން ގެންދަނީ ތަކުރާރު ކުރަމުންނެވެ.

މި އިރުޝާދުގެ މެސެޖެއް އަނެއްކާ ވެސް މިވަނީ އާންމު ކޮށްފައެވެ. ޞިއްޙީ ޚިދުމަތުގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ އެންމެންގެ އެދުމަކީ ވެސް ގޭގައި ތިއްބެވުމެވެ. މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ޞިއްޙީ ޚިދުމަތްތެރިންނަށް އެއްބާރުލުން ދިނުމެވެ.

ޞިއްޙީ ޚިދުމަތްތެރިންގެ މެސެޖުގެ ގޮތުގައި އާންމުކުރި ވީޑިއޯގައި ޑޮކްޓަރ މުޙައްމަދު ނާފިޒް ވިދާޅުވީ އަޅުގަނޑުމެން މިތިބީ ޞިއްޙީ ގޮތުން ދިމާވި އެންމެ ބޮޑު ކާރިސާގައި ކަމަށާއި ގޭގައި މަޑުކޮށްދިނުމަށެވެ. އަދި ނަރުހެއް ކަމަށްވާ އަމްރާ އަހުމަދު ބުނުއްވީ ކޮވިޑް19 އަށް ޚިދުމަތްކުރާ އެތައް ޑޮކްޓަރުންނާއި ނަރުހުންނެއް ދުނިޔޭގެ އެކި ގައުމުތަކުން މަރުވެއްޖެ ކަމަށާއި އާންމުންނަށް ޚިދުމަތް ދިނުމަށް ޞިއްޙީ ޚިދުމަތްތެރިން ދުޅަހެޔޮކަން މަތީ ތިބެން ޖެހޭ ކަމަށެވެ. އެހެންކަމުން އަމްރާ ވެސް އެދުނީ އާންމުން ގޭގައި ތިބުމަށެވެ.

މީގެ އިތުރުން ލެބް ޓެކްނޮލޮޖިސްޓް އެޓެންޑެންޓުންގެ އިތުރުން ޞިއްޙީ ދާއިރާގެ އެކިއެކި މަސައްކަތުގައި ޙަރަކާތްތެރިވާ ބޭފުޅުން ވަނީ ގޭގައި ތިއްބެވުމުގެ މެސެޖު ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!