ޚަބަރު

ފުލުހުންގެ ރަސްމީ ބަސް: އޮފިސަރުން ބައި މިލިއަން ރުފިޔާ ގެންދިޔައީ ޝަމްއާންގެ ގެއަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
"ދެން" ގެ ހަވާސާއިން ބޭރު ޕްރޮގްރާމްގައި ޝަމްއާން ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

ބިދޭސީ މީހަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ އޮފިސަރުން 530،000 ރުފިޔާ ގެންދިޔައީ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ގެޔަށް ކަމަށް ބުނެ ތަހުގީގުގެ އަދާހަމަ ފުލުހުންގެ ރަސްމީ ބަސް ދެންމެ ހާމަކޮށްފި އެވެ.

Ads by MPL

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ރޭ ވަކިކުރުމަށް ފަހު ޝަމްއާން ވަކިކުރި ސަބަބާއި އޭނާއާ ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ރަސްމީކޮށް ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ 24 ގަޑިއިރު ވާން ގާތްވެފައި ވަނިކޮށް ފުލުުހުން މިރޭ ބަޔާނެއް ނެރުނެވެ.

ފުލުހުން ބުނި ގޮތުގައި، ބިދޭސީން ދިރިއުޅޭ ގެއަކަށް ބައެއް އިމިގްރޭޝަން އޮފިސަރުން ރެއިޑްކުރީ ވެސް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންނެވެ. އެހެން ފުލުހުން ބުނި ސަބަބަކީ، ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.

އެއިން ބިދޭސީއަކު 530،000 ރުފިޔާއާއެކު ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީމީހާއާ ބައްދަލުކޮށް އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

ޝަމްއާން މި ވަގުތު ވަނީ ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އިމިގްރޭޝަންގެ ތިން އޮފިސަރަކު މިހާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

Ads by HDC