ނޭޕާލުގައި ތިބި 17 ދިވެހި ޑޮކްޓަރުން އެހީއަށް އެދި އާދޭސް ކުރާތާ 15 ދުވަސް!
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ތާށިވެފައިވާ 17 ދިވެހި ދަރިވަރެއްގެ ވާހަކަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް އެތަކެއްފަހަރު ގެނެވިއްޖެކަމަށް ނޭޕާލްގައި ހުރި ދިވެހި ޑަކްޓަރަކު "ދެން"ހިއްސާކޮށްފިއެވެ. ނަމަވެސް މި ދަރިވަރުން މިގޮތަށް ތާށިވެފައިވާތާ 15 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ދިވެހި ސަރުކާރުން މިކަމަށް އެއްވެސް އެހީތެރިކަމެއް ދެމުންދާތަން ނުފެންނަ ކަމަށާއި، މި 17 ދަރިވަރުން ކަތަމަންޑޫއަށް އައިސްފައިވަނީ ނޭޕާލްގެ އެކި ހިސާބުތަކުގައި ތިބެފައިކަމަށް އެ ފަރާތުން މައުލޫމާތުދެއްވައެވެ.
އޭނާ ބުނީ އެމީހުންގެ ދަތުރުތައް ކަތަމަންޑޫއަށް ފެށީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް އެކުދިން ކިޔަވަމުންދާ ޔުނިވާސިޓީއަށް ފޮނުވާފައިވާ ލިޔުމަކާއި ގުޅިގެން ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި މެޑިސިން ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ އެހީތެރިކަން ދިވެހިރާއްޖެއަށް ބޭނުންވާކަމަށާއި އެކުދިންނަށް ލީވްއެއް ދިނުމަށް އެދި ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އެ ޔުނިވަސިޓީތަކުގައި އެދިލައްވާފައެވެ. ރާއްޖެ އައިސް ޤައުމަށް ޚިދުމަތްކުރުމަށް ކެތްމަދުވެފައިވާ މި ދަރިވަރުންގެ ދަތުރު ފެށީ މިހާހިސާބުން ކަމަށްވެސް އޭނާ ކިޔައިދިނެވެ.
ނޭޕާލް ލޮކްޑައުން ހާލަތަށް ދިއުމާއެކު މިދަރިވަރުން ނޭޕާލްގައި ތާށިވި ވަގުތުން ފެށިގެން މިހާހިސާބަށް ދައުލަތުގެ އެކި މަޤާމްތަކުގައި ތިބި އެކިއެކި ފަރާތްތަކަށް މިދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިން ގުޅައި، ޤައުމަށް ގެނެސްދިނުމަށް އެދި އާދޭސް ދަންނަވަން ފެށިކަމަށާއި ނަމަވެސް އެއްވެސް އަލިމަގެއް ފެނިފައިނުވާކަމަށް މާޔޫސްކަމާއެކު އޭނާ ހިއްސާކުރިއެވެ. އަދި ނޭޕާލްގައި ތިބި ދަރިވަރުން ރާއްޖެ ގެނެވޭނީ ނޭޕާލްގެ ލޮކްޑައުން ހާލަތު ނިމުމަކަށް އައުމުންކަމަށް ދޭހަވާގޮތަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޓުވީޓް ކޮށްފައިވާއިރު ނޭޕާލްގެ ލޮކްޑައުން ހާލަތު އޭޕްރީލް 8 ވަނަދުވަހަށް އިތުރުކޮށް ވައިގެ ދަތުރުފަތުރު އޭޕްރީލް 15 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާތީވެ ޤައުމަށް ދެވޭނެ އެއްވެސް ގޮތެއް ނެތި ތާށިވެފައިވާކަމަށް އޭނާ ބުންޏެވެ.
ނޭޕާލްގެ ހާލަތު ދުވަހެއްދުވަހަކަށް ގޯސްވަމުންދާއިރު އަދި މި ލޮކްޑައުން ދިގުދެމިގެންދާނެކަމަށް ބެލެވޭއިރު ހާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން ޢަބްދުﷲ ޝާހިދަށް ކުރެވޭނެ އިތުރު ކަމެއް ނެތީތޯ ބުނެ އޭނާ ވަނީ ސުވާލުކޮށްފައެވެ. ނޭޕާލް ލޮކްޑައުން ހާލަތަށް ގެނެވުނުފަހުން، ޖަރުމަންވިލާތާއި ވިލާތުގެ އިއްތިހާދު އަދި އެމެރިކާ އާއި އޮސްޓްރޭލިއާއިން ޗާޓަރ ފްލައިޓްތައް ތާވަލުކޮށް އެގައުމުތަކުގެ ރަށްވެހިން ގައުމަށް ގެންގޮސްފައިވާކަމަށާއި، ދިވެހި ސަރުކާރުންވެސް މިފަދަ އިވަކުއޭޝަންއެއް އެކުލަވާލާ މިދަރިވަރުން ގައުމަށް ގެނެއުމަށް ނޭޕާލް ސަރުކާރާއިއެކު އެކަށީގެންވާ މަސައްކަތެއް ކޮށްފިނަމަ އެ ކުދިން ނުގެނެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް އޭނާ ބުންޏެވެ.
ސުވާލަކީ ސަރުކާރުން ބޭނުންވާ މިންވަރަށް ސިއްޙީ އެހީތެރިން ލިބުނީތޯއެވެ؟ މި ޑޮކްޓަރުންގެ އެހީތެރިކަން ބޭނުންނުވަނީތޯއެވެ؟ ނޭޕާލްގައި ތާށިވެފައިވާ 17 ޑޮކްޓަރުންގެ އުންމީދަކީ ވީހާވެސް އަވަހަށް ރާއްޖެއައިސް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ވެވެންއޮތް އެހީތެރިކަމެއް ވެދިނުމެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑު ކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިިވުމަށް ނޭޕާލްގައި ކިޔަވާ ދަރިވަރުން ގެންނަން ނިންމިއިރު، އެކަމަށް ބޭރުގެ ގައުމުތަކުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިން އެހީތެރިވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ މީގެކުރިން ގޮވާލައްވާފައެވެ.
Ads by STO