ފުޓްބޯޅަ ކޯޗު ސާންތީ ނިޔާވެއްޖެ

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) މިރޭ ނިޔާވެއްޖެ އެވެ.
ސާންތީ ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އެނގިފައިވާ ގޮތުން ސާންތީ ދިޔައީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުންނެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ މަޝްހޫރުވެގެން ދިޔައީ ކްލަބް އީގަލްސްގެ ކޯޗުގެ މަގާމުންނެވެ.
އެ ކްލަބުގެ ކޯޗުގެ މަގާމުން ވަކިވުމަށް ފަހު ސާންތީ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުުވެސް އަދާކޮށްފަ އެވެ. އޭގެ ފަހުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަސައްކަތްވެސް ސާންތީ އަދާކުރި އެވެ.
ސާންތީ ވަނީ ކްލަބު އޭދަފުށީގެ ކޯޗުކަންވެސް ކޮށްފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީއަށް ކޯޗުކަން ކޮށްދީފައިވާ ސާންތީ އަލުން އީގަލްސްގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އެކަމަކު ބަލި ހާލަތު ހުރި ގޮތުން އެ އަހަރުގެ ޖޫން މަހު ކޯޗުކަމުން ސާންތީ ވަކިވި އެވެ. އެއަށް ފަހު ފުޓްބޯޅައިގެ ރަސްމީ މަގާމެއް އޭނާ އަދާއެއް ނުކުރެ އެވެ.