ފުލުހުން ކުރިއަށް ގެންދާ "ރައްކާ ރޯޑްޝޯ" ގދ. އަތޮޅުގައި ބާއްވަނީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ"ގދ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ ރޯޑްޝޯ ކުރިއަށް ދާނީ 2026އޮކްޓޫބަރު 9އިން 19އަށެވެ. އެ މުއްދަތުގެ ތެރޭގައި އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވައިފައެވެ. މި ޕްރޮގްރާމަކީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
"ރައްކާ ރޯޑްޝޯ"ގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކްއާއި، ޓީމް ބިލްޑިން ހަރަކާތްތަކާއި، "ބީޗް ބްލާސްޓް"އިވެންޓްތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ބަށި އަދި ބާސްކެޓް މުބާރާތްތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ "ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް"އާއި "ފަހިރާސްތާ"ޕްރޮގްރާމް ވެސް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކަކީ ދަރިވަރުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެކެވެ.
މި ހަރަކާތްތަކުގެ އިތުރުން، މަގުމަތީގެ ގަވާއިދުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. އަދި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑު އެކި ރަށްރަށުގައި އިފްތިތާހުކުރެވޭނެއެވެ.
މި ރޯޑްޝޯ ކުރިއަށް ދަނީ "ރަނގަޅުކޮށްލާ"މި ޝިއާރުގެ ދަށުންނެވެ. މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ.
