ކާފިއުގެ ވަގުތުގައި މާލޭ މަގުމަތީގައި އުޅުނު މީހަކު ޖޫރިމަނާކޮށްފި
ކާފިއުގެ ވަގުތުގައި މާލޭ މަގުމަތީގައި އުޅުނު މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ވެސް 17:00 އާއި 20:00 އާއި ދެމެދު މާލޭ ސިޓީގެ މަގުމަތިން 139 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 122 ދިވެހިންނާއި 17 ބިދޭސީން ކަމަށެވެ.
އޭގެ ތެރެއިން ޖޫރިމަނާ ކުރީ އެންމެ މީހެއް ކަމަށާއި އޭނާ ޖޫރިމަނާ ކުރީ ތަކުރާރުކޮށް މަގުމަތީގައި އުޅުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.
އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.