9 ސަފާރީއަކާއި 15 ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ ދީފި
ކޮވިޑް-19އާ ގުޅިގެން އަރައި ފޭބުން މަނާކުރި ނުވަ ސަފާރިއަކާއި 15 ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނުވަ ސަފާރީއަކާއި 15 ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ މިހާރު ދެވިފައިވާ ކަމަށެވެ. މިއީ ރިސޯޓަކުން އަދި ސަފާރީއަކުން ވެސް މީހުން ފޭބުމުގެ ހުއްދަ ދެވުނު ފުރަތަމަ ފަހަރެވެ.
އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާއެކު ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނެ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.
އަދި ރިސޯޓެއްގައި އެންމެ ފަހު ފަތުރުވެރިޔާ އައިތާ މިހާތަނަަށް 14 ދުވަސްވެފައިވާނަމަ އަދި މިވީހާތަނަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނެތް އަދި ބަލީގެ އަލާމާތްތައް ހުރި މީހެއްވެސް ނެތް ރަށެއް ކަމުގައިވާނަމަ އެ މީހުންނަށް އެރަށުން ފޭބުމަށް ހުއްދަދޭނެ އިންތިޒާމުވެސް އެޗްޕީއޭއިން އޮތީ ހަމަޖައްސާފައި ކަމަށެވެ.
މީގެ އިތުރުން މިދިޔަ 14 ދުވަސް ތެރޭގައި އެރަށަށް ފަތުރުވެރިއަކު ނާރާ ރަށްތަކުގެ މުވައްޒަފުންނާ މެދުވެސް އަމަލު ކުރަމުން އަންނާނީ އެ އުސޫލުގެ ތެރެއިންނެވެ.