ސްޓޫޑަންޓް ލޯނުން ނަގާ އިންޓްރެސްޓް އުނިކުރަން ނިންމައިފި

ސްޓޫޑަންޓް ލޯނުން ނަގާ އިންޓްރެސްޓާއި އިތުރު ފީތައް އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިރޭ އެކްސްގައި ލިޔުއްވީ ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
އެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިން ވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުން،" ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގާ އިންޓްރެސްޓް ބޮޑުކަމުން، %1 އަށް އިންޓްރެސްޓް ކުޑަކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެއީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.
