މިރޭ މެންދަމު 12 ޖަހަން ދެން އުރީދޫން ތައިލެންޑަށް ހިލޭ ގުޅޭނެ

ދިވެހިން ވެސް ހިމެނޭހެން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށްވާ ތައިލެންޑަށް މިއަދު އައި ބިންހެލުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންނަށް ހިލޭ ގުޅޭނެ ގޮތް އުރީދޫން ހަމަޖައްސައިފި އެވެ.
ތައިލެންޑުގައި ތިބި ދިވެހި އާއިލާތަކަށް، ނޫނީ އެކުވެރިންގެ ހާލު ބެލުމަށް ފަސޭހަވެގެންދާނެ ގޮތް މެދުވެރިކުރުމަށް ކުރި ކަމެކެވެ.
އުރީދޫ މެދުވެރިކޮށް މިރޭ މެންދަމު 12 ޖަހަން ދެން، ތައިލެންޑަށް ގުޅުމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ކަމަށް އުރީދޫން ބުންޏެވެ.
"މި ވަގުތުގައި އާއިލާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެކަމަށް އުއްމީދުކުރަން،" އުރީދޫން ބުންޏެވެ.
ތައިލެންޑަށް އައި ބިންހެލުންތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އެއް ސަރަަހައްދަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ، ތައިލެންޑްގެ ވެރިރަށް ބެންގްކޮކްގެ ސަރަހައްދެކެވެ.
ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ފުއާދު ތައުފީގު މިއަދު "ދެން" އަށް ވިދާޅުވީ ބިންހެލުމުގައި ގިނަ އަދަދެއްގެ ދިވެހިން އުޅެމުން އަންނަ އިމާރާތްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެގޮތުން އިމާރާތްތަކަށް ނުވަދެވޭ ވަރަށް ގެއްލުންވުމުގެ އިތުރުން ބައެއް އިމާރާތްތަކުގެ ފާރުތަކުގައި ރެނދުއެޅުން ފަދަ ގެއްލުންތައް ވެފައިވާ ކަމަށެވެ.
އެހެންނަމަވެސް ބެންކޮކުގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން އެއްވެސް ތަނެއްގައި ތާށިވެ، އަނިޔާއެއް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ދިވެހި އެމްބަސީއަށް ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން ވަކިވަކިން ވެސް އެކި ބޭފުޅުންނާ ގުޅަމުން މި ގެންދަނީ ވެސް. އެއްވެސް ބޭފުޅެއްގެ ފަރާތަކުން އެއްވެސް އަނިޔާއެއް، ހާނިއްކައެއް ލިބުނު ހަބަރެއް އަޅުގަނޑުމެންނަށް ރިޕޯޓުކޮށްފައެއް ނުވޭ. ހުރިހާ އެންމެން ވެސް ގަދަވެ ސަލާމަތުން އެބަތިބި،" ފުއާދު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި އެމްބަސީއަށް ހަމައެކަނި އެނގެނީ ތައިލެންޑަށް ދިއުމަށް ފަހު އެކަން އަންގާ ފަރާތްތަކުގެ މައުލޫމާތު އެކަނި ކަމުގަ އެވެ. އެ ފަރާތްތަކުގެ މައުލޫމާތު ރަޖިސްޓްރީކޮށް، ދަފުތަރެއްގައި ބަލަހައްޓަމުން ގެންދާ ކަމުގަ އެވެ.
"ޗުއްޓީއަކަށް ނުވަތަ ބޭހަކަށް އަދި މަޑުކޮށްލައްވާ ބޭފުޅުން ހިނގައިދާނެ އަޅުގަނޑުމެންނަށް ނޭނގި ވެސް. އެހެންނަމަވެސް ހީވޭ ކޮންމެވެސް ދިމާލަކުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭނެހެން އެކަހަލަ ކަމެއް [ދިވެއްސަކަށް އަނިޔާއެއް] ވެއްޖިއްޔާ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ހާދިސާ އާ ގުޅިގެން އެމްބަސީ އާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ގުޅައި މައުލޫމާތު އެއްކުރުމުގެ މަސައްކަތުގެ އިތުރުން އެއްވެސް ދިވެއްސަކަށް ކަމެއް ދިމާވެފައިވާ ނަމަ އެކަމެއް އެންގުމަށް އެދެމުންދާ ކަމަށެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނީ މާލެ އާ 3،121 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށެވެ.
