ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި ފުރަތަމަ ނަމޫނާ ދައްކަންވީ ފުލުހުން: ރައީސް

ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ފުރަތަމަ ނަމޫނާ ދެއްކުމަށް އަޒުމް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުން ތަހުނިޔާ ކިޔުއްވައި ރައީސް މުއިއްޒު މިއަދު ދެއްވި ހިތާބުގައި ވަނީ ގާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ނަމޫނާ ދައްކަންވީ ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވާފަ އެވެ.
އެގޮތުން މުއާމަލާތް ކުރުމުގައި އަހުލާތީ ރީތި ހަމަތައް ހިފަހައްޓައި ކުށްކުރުން ހުއްޓުވުމުގެ އިތުރުން ކުށަށް އަރައިގަތުމާ މުޖްތަމައު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބެއްކަން ރައީސް ފާހަގަކުރެއްވި އެވެ،
ފުލުހުން ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސްކުރެއްވި އިތުރު ކަންކަން
- ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމަށާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުން
- ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބައެއްގެ ގޮތުގައި ދެމިތިބުން
ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ހުރުމަތްތެރި، ގައުމަށް ހިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުމަށް ވެސް ރައީސްގެ ހިތާބުގައި އިލްތިމާސް ކުރެއްވި އެވެ.
