މާދަމާއަކީ އީދު ދުވަސް ކަމަށް ކަނޑައަޅައިފި، އީދު މުބާރިކް!

މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.
އިސްލާމީ މަރުކަޒުގައި މިރޭ ކުރިއަށްދާ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާގައި އިއުލާންކުރި ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ނުފެނުނު ނަމަވެސް ކައިރި ބައެއް ގައުމުތަކާއި އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެނިފައިވާތީ މާދަމާއަކީ އީދު ދުވަސް ކަމަށް ކަނޑަައަޅާ ކަމަށެވެ.
މާދަމާ އީދު ކަމަށް ނިންމި އިރު މި އަހަރު ނެރުނު ހިޖުރީ ކަލަންޑަރުގައި އަންދާޒާކޮށްފައި ވަނީ އީދަކީ ހޯމަ ދުވަސް ގޮތަށެވެ.
ރަސްމީ ޖަލްސާގައި އިއުލާން ކުރުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެމަނިކުފާނުގެ ނަމުގައި އީދު މުބާރަކް މެސެޖު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވައިފަ އެެވެ.
