އިންތިހާބަށް ނެގި ދަރަނި ނުދެއްކޭނެތީ މި ދައުރަށް މުސާރަ ކުޑަކުރަން ފަލާހު ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ހަރަދު ކުރައްވަން ނެންގެވި ދަރަނި ނުދެއްކިދާނެތީވެ މި ދައުރަށް މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު ކަމަށް މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަށާއި، ކޮމިޓީ އެލަވަންސްއާއި ޕްރީމިއަމް ހެލްތު އިންޝުއަރެންސް ކަނޑާލައި، ކުރީގެ މެންބަރުންނަށް ދޭ ހިދުމަތުގެ އިނާޔަތް ކަނޑާލުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ދަނީ ސޮއިކުރަމުންނެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު މިރޭ އެކްސްގައި ލިޔުއްވީ ދައުރެއްގެ މެދު ތެރެއިން މުސާރަ ކުޑަކުރުމަށް ވުރެ ރަނގަޅު ވާނީ އާ ދައުރެއް ފެށުމުގެ ކުރިއަށް މުސާރަ ކުޑަކުރުން ކަމަށެވެ.
"އަލަށް 21ވަނަ މަޖިލީހަށް މެމްބަރަކަށް 5000 ރުފިޔާ ކަނޑައެޅީމަ އެމުސާރަ އޯކޭވެގެން ކުރިމަތިލާ މެމްބަރުންނަކަށް ޝަކުވާކުރެވޭކަށް ނޯންނާނެ،" ފަލާހު ލިޔުއްވާފައިވެ އެވެ.
މި މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މެންބަރުން ހަރަދުކުރުމާއި ހަރަދުކުރަން ދަރަނި ނަގާނީ ލިބޭ މުސާރައެއް ބަލައިގެން ކަން ވެސް ފަލާހު ފާހަގަ ކުރައްވާފައިވެ އެވެ.
"އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިޚާބަށް ނެގިދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ," ފަލާހު ލިޔުއްވި އެވެ.
މަޖިލިސް މެންބަރުންގެ އިތުރުން ކުރީގެ ރައީސުންނަށް ދޫކުދާ އިނާޔަތާއި ފަނޑިޔާރުންގެ އިނާޔަތްތައް ވެސް ޕެޓިޝަނުގައި ޖެހި ނަމަ ވަރަށް ރަނގަޅު ވީސް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ މުސާރައިގެ ދެބައިކުޅައެއްބައި އުނިކުރުމަށް އެމަނިކުފާނު ނިންމަވައި ނަމޫމާ ދެއްކެވީތީ އެ ކަމަށް ރައީސަށް ޝުކުރު ދަންނަވާ ކަމަށް ލިޔުއްވުމަށް ފަހު ފަލާހުގެ ޕޯސްޓް ނިންމަވައިލެއްވި އެވެ.
