ޚަބަރު

އެމްއެމްޕީއާރުސީ/ލިވަޕޫލް އިވެންޓަށް ރައީސް ފުރާވަޑައިގެންފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޔޫރަޕް ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބް ލިވަޕޫލް ފުޓްބޯލް ކްލަބާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލަށް ފުރާވަޑައިގެންފިއެވެ.

Ads by STELCO

ޔޫއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު، އިނގިރޭސި ލީގު ދެވަނައަށް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި އެމްއެމްޕީއާރުސީ އަދި ވިޒިޓް މޯލްޑިވްސް އިން ޕާޓްނާޝިޕް އިއުލާންކުރީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

މި ކޯލަބްރޭޝަންގެ ދަށުން ބްރޭންޑް ވިޒިބިލިޓީ އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން 3 އަހަރާއި 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ކެމްޕެއިނެއް ވަނީ ފަށާފައެވެ.

މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ވިޒިޓް މޯލްޑިވްސްއިން ވަނީ އެލްއެފްސީ ޕާޓްނަރޝިޕް މެދުވެރިކޮށް ޒިޔާރަތްކުރާ ފަރާތްތައް ޝައުގުވެރިކުރުވުމުގެ ގޮތުން އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕެއިނެއް މިމަހުގެ 27 ވަނަ ދުވަހު ފަށާފައެވެ.

އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުގެ ބޭނުން ހިފައިގެން ތިން މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފުޅާ މާކެޓިން އިނީޝިއޭޓިވް ކުރިއަށް ދާނެ އެވެ.

މި ކެމްޕެއިންގައި ލަންޑަނުގެ ފުލް ބްރޭންޑްގެ 100 އަށް ވުރެ ގިނަ ޓެކްސީގެ އިތުރުން ބަހާއި ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގެ އިޝްތިހާރުތައް ހިމެނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އޭއެކްސްއޭ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، ފުޓުބޯޅަ ތަމްރީނާއި ކޯޗިންގެ އެންމެ ބެކް ޕްރެކްޓިސްތައް ރައީސް ބައްލަވާލައްވާނެ އެވެ.

މީގެ އިތުރުން ލީޑްސް ޔުނިވާސިޓީ އާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާ ބައްދަލުކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ކަމާބެހޭ ވަޒީރުން ރެޑްވޭ އާއި ލިވަޕޫލް އެކަޑަމީގެ އިސްވެރިންނާ ބައްދަލުކުރައްވައި ފަތުރުވެރިކަން ކުރިއެރުވުމަށާއި ރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު އޮންނަ ޕާޓްނާޝިޕް އިތުރަށް ހަރުދަނާ ކުރުމަށް ޖޮއިންޓް މާކެޓިން އިނީޝިއޭޓިވްސްއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ރައީސްގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ސްޕޯޓްސް މިނިސްޓަރު އަބްދުالله ރަފީއު އާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.