ލައިފްސްޓައިލް

ސަމާސާއަކަށް ނަމަވެސް ދޮގެއް ނުހަދާށެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރަހުމަތްތެރިން އެކުގައި އުޅޭއިރުގައި ވެސް ވަރަށް ގިނައިން ސަމާސާކޮށް އުޅޭތަން ފެނެއެވެ. އެކަކު އަނެކަކަށް ދިމާކޮށް ސަކަރާތްޖަހާ އުޅޭތަން ފެނެއެވެ. އެންމެން އެކުގައި ތިބެ އެކަކާ ދިމާކޮށް "ރަކި" ކޮށްލާތަން ވެސް ފެނެއެވެ. އެކަކު އަނެކަކު ގަޔަށް އަތްލާ "ގިލިގިލި" ކޮއްޓާތަން ވެސް ފެނެއެވެ. ސަމާސާ ކުރުމަކީ ވެސް ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް އެކަން ކުރުމުގައި ވެސް ހައްދެެއް އޮންނަން ޖެހޭނެ ކަމުގައި ގަބޫލު ކުރަން ވާނެއެެވެ.

Ads by MWSC

ސަމާސާއަކަށް ދޮގު ހެދި ކުއްޖާއަށް ވީގޮތް އެންމެނަށް ވެސް އެނގެއެވެ. އެއީ ޚިޔާލީ ވާހަކައެއްގެ ގޮތުގައި ސުކޫލް ދައުރުގައި އަޅުގަނޑުމެންގެ ދިވެހި ކިލާހުގައި ކިޔައިދީފައިވާ ވާހަކައެކެވެ.އެކުއްޖާ ގެނބެނީކަމަށް ހަދައި ދޮގު ހެދުމުން އަނެއް ދުވަހު އެ ކުއްޖާއަށް އަޅާލާނެ އެއްވެސް މީހަކު ނުވީއެވެ. ސަމާސާ ވިހަ ވަނީ މިފަދަ ކަންތައްތަކާ ހެދިއެވެ.

ސަމާސާއަކަށް ނަމަވެސް ދޮގެެއް ހަދާކަށް ނުވާނެއެވެ. ހަގީގަތުގައި ދޮގު ހެދުމަކީ ކިތައްމެ ކުޑަކުޑަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދުށް ނަމަވެސް އަސްލު ހަގީގަތުގައިި ދޮގު ބުނުމަކީީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އިސްލާމްދީން ބާރު އަޅަނީ ތެދު ބަހުން ވާހަކަ ދެއްކުމަށެވެ. އެހެނީ ތިބާގެ ކައިރީގައި އުޅޭ މީހުންނަށް ތިބާ ދޮގު ހަދައި އޮޅުވާލި ނަމަވެސް ހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތެއް ވެއެވެ. ﷲ ތަޢާލާއީ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.

ބައެއް ފަހަރަށް އަޅުގަނޑުމެންގެ ތެރޭގައި ފެންނަ މަންޒަރެކެވެ. ސަމާސާއަކަށް ނަމަވެސް މީހެއްގެ މަރުގެ ވާހަކަ ދައްކަނީއެވެ. މީހަކު މަރުވެއްޖެ ކަމަށް ބުނެ ސަމާސާ ކުރަނީއެވެ. އޭނާގެ ވަރަށް ގާތް މީހަކަށް ގުޅާ އޭނާ މަރުވެއްޖެ ކަމަށް ނުވަތަ ބޮޑު އެކްސިޑެންޓެއް ވެއްޖެ ކަމަށް ބުނަނީ މަޖަލަކަށް ހަދައި އެމީހަކު "ޕްރޭންކް" ކޮށްލުމުގެ ގޮތުންނެވެ. ނަމަވެސް އެފަދަ ޚަބަރެއް ތިބާގެ ގާތް މީހަކާ ބެހޭގޮތުން އިވިއްޖެ ނަމަ ތިބާއަށް ވާނެ ގޮތް ނިކަން އިހްސާސް ކޮށްލަބަަލާށެވެ. ސަމާސާއަކަށް ނަމަވެސް އެ އަޑު އަހަން ތިބާ ވެސް ބޭނުން ނުވާނެ ކަން ޔަގީނެވެ. އަދި އެއްފަހަރު މިފަދަ ކަމަކާ ސަމާސާކޮށް ދޮގު ހަދައިފި ނަމަ ފަހުން އެފަދަ ކަމެއް ހަގީގަތުގައި ހިނގި ނަމަވެސް އެވާހަކަ ގަބޫލުކުރުން ވާނީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ.

އެއް ދޮގު ހަދައިިފި ނަމަ އެ ދޮގު ފޮރުވުމަށް ޓަކައި ހާސް ދޮގު ހަދަން ވެސް ޖެހިދާނެއެވެ. ދުވާލެއްގެ މައްޗަށް ތިބާއަށް ކިތައް ދޮގު ހެދޭތޯ ވިސްނާލާ ނަފްސު ހިސާބުކޮށްލަ ބަލާށެވެ. އޭރުން ތިބާއަށްވެސް ވިސްނިދާނެއެވެ.

ނިކަން ވިސްނާލަބަލާށެވެ. ސަމާސާއަކަށް ހަދާ ދޮގެެއްގެ ސަބަބުން މީހަކަށް "ޝޮކެއް" ވެސް ޖެހިދާނެއެވެ. މީހަކު ތިބާއަށް ކުރާ އިތުބާރު ވެއްޔާ މޮޑެވި އެ އިތުބާރު ނެތިގޮސްދާނެއެވެ. އެ އިތުބާރު ދެން ކުރަން ނުކުޅަދާނަ ވާނީ ތިބާ ދެން ވެސް ކުރާނީ ސަމާސާ ކަމުގައި އޭނާއަށް ހީކުރެވޭނެތީއެވެ. ސަމާސާއަކަށް ތި ހަދައި ދޮގު އޭނާއަށް އެނގި ސަމާސާ ވިހަވުމަކީ ވެސް ވެދާނެ ކަމެކެވެ. ޒަމާންވީ ރަހުމަތްތެރިކަމަކަށް އެކަމުގެ ސަބަބުން ބުރޫ އަރައިވެސް ފާނެއެވެ.

އެކުވެރިޔާއެވެ. މި ނަަސޭހަތުގައި ހިފާށެވެ. ސަމާސާއަކަށް ނަމަވެސް ދެން ދޮގެއް ނުހަދައްޗެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!