ދީން

ޒުވާބުކުރުން ދޫކޮށްލާ މީހާއާއި މަޖަލަށް ދޮގުހެދުން، ދޫކޮށްލާ މީހާއަށް ރަސޫލާ ދެއްވާ ޔަގީންކަން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މީހުންނާއި ޖަދަލުކޮށް ޒުވާބު ކުރުމާއި މަޖާކުރުމަށް ނުވަތަ ރައްޓެހިން ހެއްވާލުމަށް ދޮގު ހެދުމަކީ އެކަން ކުރާ ގޮތް މިހާރު ބަދަލު ވެފައިވީ ނަމަވެސް އަހަރެމެންގެ ތެރޭގައި އާންމު ކަމެކެވެ. މީގެ އަހަރުތަކެއް ކުރިން ޒުވާބު ކުރުމަކީ މަގުމަތީގައްޔާއި ގޭގެއިން ފެންނަ މަންޒަރެއް ނަމަވެސް މިހާރު އެކަން އާންމު ވެފައިވަނީ މީސް މީޑިއާގެ ވިއުގަތަކުގައެވެ.

Ads by STELCO

ޒުވާބު ފެށެނީ ވަކި މީހަކަށް ނިސްބަތްކޮށް އޭނާ ހިތް ނުރުހޭ ބަހެއް އަމާޒުވުމުންނެވެ. އެއީ ތެދަކަށް ވިޔަސް އަދި ދޮގަކަށް ވިޔަސް މެއެވެ. މި ގޮތުން ދެމީހުންގެ މެދުގައި އުފެދޭ ނުރުހުންތެރިކަން ބޮޑުވެ އެކަކު އަނެކަކާ ދިމާއަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި ، އެމީހަކާ މެދު ދޮގު ބަސް ބުނެ އެ މީހެއްގެ މުޅި އަބުރު ކަތިލައި ލެވޭއިރު މިކުރެވެނީ ކިހާވަރެއްގެ ކަމެއް ކަމާ މެދު ވިސްނާލެވުނުތޯއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވައިފައިވެއެވެ.

إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ (سورة النحل, 105)

މާނަ: ދޮގުހަދާކަން ކަށަވަރީ، ﷲ ގެ آية ތަކަށް إمان ނުވާ މީހުންނެވެ. އަދި އެއުރެންނަކީ ހަމަ، ދޮގުވެރިންނެވެ.

ހަމައެހެންމެ ދޮގުވެރީންނަށް ހުރީ ހަލާކުކަން ބަޔާން ކުރައްވާފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ.

''ވާހަކަ ދައްކާއިރު މީހުން ހެއްވާލުމަށް ޓަކައި ދޮގު ހަދާ މީހާއަށް ހަލާކު ހުއްޓެވެ.އެމީހަކަށް ހަލާކު ހުއްޓެވެ. އަދި އެމީހަކަށް ހަލާކު ހުއްޓެވެ.''

ދޮގު ހެދުމަކީ މީހާ ނަރަކައާއި ގާތް ކުރުވާ ކަމެކެވެ. މިކަމާ ގުޅޭ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

(عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم]

މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގު ދައްކަނީ ނުބައި ކަމަށެވެ. އަދި ނުބައި ކަންތައްތައް މަގު ދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގު ހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.''

ފަހެ ، އަހަރެމެންގެ ދުލުން ބޭރުވާ ކޮންމެ ބަހަކާ މެދު އަހަރެމެން ޖަވާބުދާރީ ވާން ޖެހޭނެއެވެ. ވުމާއެކު ދުލުން ބޭރުކޮށްލާ ކޮންމެ ބަހަކާ މެދު ސަމާލުވުން ހުއްޓެވެ. ތިމާއާ ދިމާއަށް މީހަކު ހަޑިހުތުރު ބަހެއް ބޭނުން ކުރި ނަމަވެސް ނުވަތަ އެމީހަކާ ދިމާއަށް އެއްޗެއް ބުނުން ހައްޤު ކަމުގައި ވިޔަސް އެކަމުން ދުރުވުމުގެ ހެޔޮކަން މާބޮޑެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

''ޒުވާބުކުރުން ޙައްޤު ވިޔަސް ޒުވާބުކުރުން ދޫކޮށްލާ މީހާއަށް ސުވަރުގޭގެ ތިރިން ގަނޑުވަރަކާއި ، މަޖަލަކަށް ވިޔަސް ދޮގުހެދުން ދޫކޮށްލާ މީހާއަށް ސުވަރުގޭގެ މެދުން ގަނޑުވަރަކާއި އަދި ޚުލްޤު ހެޔޮ މީހާއަށް ސުވަރުގޭގެ އެންމެ މަތިން ގަނޑުވަރެއް ލިބޭނެކަމުގެ ޔަޤީންކަން ތިމަން ކަލޭގެފާނު ދެއްވަމެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!