ފުލުހުންގެ މުސާރަ ކުޑަކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ: މޮސްޓާ
ކޮވިޑް-19އާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފުލުހުންގެ މުސާރަ ކުޑަ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި ފުލުހުންގެ މުސާރަ ކުޑަ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި މިއީ ފުލުހުންނާއި ސިއްހީހިދުމަތްތެރިންގެ މުސާރަ ބޮޑުކުރަންވީ ވަގުތު ކަމަށެވެ.
Fuluhunge musaara kuda kuran ulhey kamah mauloomath libijje. Mi dhandivalhugai miee kuran rangalhu kameh noon. Miee fuluhunnaai sihhee hidhumaytheringe musaara bodu kuranv vaguthu.@M_Hameedh @iameeru
— Mohamed Nasheed Abdulla (@MNA_MosTaaA) April 5, 2020
މޮސްޓާ މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ގިނަ ބައެއްގެ މުސާރަތައް އުނިކޮށް އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ދަނީ ފޮނުވަމުންނެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މުޅި ދުނިޔެ މިހާރު މިސްރާބު ޖަހާފައިވަނީ އިޤްތިސާދީ އަނދަވަޅަކާއި ދިމާލަށް ކަމަށާއި މިވަގުތު ހަރަދުތައް ކުޑަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.