ޚަބަރު

ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ ހަ ބިދޭސީއަކު އަތުލައިގެންފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކެފޭ، ހޮޓާ އަދި ޓޭކްއަވޭތަކެއް ބަލައި ފާސްކުރަން ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން / ފޮޓޯ:އިމިގްރޭޝަން

މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭތަކެއް ބަލައި އެ ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ ހަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by MPL

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯހުން ދަނީ ރެއިޑު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑުގައި މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ ހަތަރު ތަނެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ އެ ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ ހަ މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެ އެވެ.

ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ ތެރެއިން 24,540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!