ހިޔާގެ ހަތަރު ޓަވަރެއްގައި އާ ލިފްޓް ބަހައްޓައި ނިމި، ޓެސްޓް ކުރަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާގެ ހަތަރު ޓަވަރެއްގައި އާ ލިފްޓް ބަހައްޓައި ނިމި، ޓެސްޓް ކުރަން ފަށައިފި އެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު އިބްރާހިމް (ޕޮކަންޑި) މިއަދު ވަނީ ލިފްޓްތަކެއްގެ މަސައްކަތް ނިމި ޓެސްޓްކުރުމުގެ މަސައްކަތްކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އެކްސްގައި ޕޯސްޓްކުރައްވައިފަ އެވެ.
"ހިޔާ ފްލެޓްތަކުގައި އަލަށް ބަހައްޓާފައިވާ އިތުރު ލިފްޓްތަކުގެ ޓެސްޓުތައް މިއަދު ފަށައިފި, މިއާއެކީ ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ލިފްޓް ތޮއްޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދުނީ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދިގެން ދިޔައީ،" އަހުމަދު އިބްރާހިމް ލިޔުއްވި އެވެ.
އެޗްޑީސީން މައުލޫމާތު ލިބުނު ގޮތުގައި ލިފްޓް ބަހައްޓައި ނިމިގެން ޓެސްޓް ކުރުމުގެ މަސައްކަތް ފެށީ ހަތަރު ޓަވަރެއްގަ އެވެ. ބާކީ 12 ޓަވަރުގައި ވެސް ލިފްޓް ބަހައްޓައި އެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
