ހަނިމާދޫ އާ މިސްކިތް ނިންމަން އެމްޓީސީސީއަށް

ހދ. ހަނިމާދޫ އާ މިސްކިތް ނިންމަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލުކޮށްފި އެވެ.
ހަނިމާދޫގައި އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވުނެވެ. އެހެންވެ ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް، އެމްޓީސީސީއާއި ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމާ ގޮތަށެވެ.
އެމްޓީސީސީއަށް މަސައްކަތް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ރަސްމިއްޔާތެއް ބޭއްވި އެވެ.
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
