ދައްތާފުޅުގެ މޫނު ބެއްލެވުމަށް ވަޑައިނުގެންނެވި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: ޕީޕީއެމް
މިއަދު އަވަހާރަވި ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައްތާފުޅު މުއުމިނާ އަބްދުލްގައްޔޫމްގެ މޫނު ބެއްލެވުމަށް ޔާމީން ވަޑައިނުގެންނެވި ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށް އިިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
"ރާއްޖެއެމްވީ" ގައި ލިޔެފައިވާ އެ ހަބަރު ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީންގެ އާއިލާ މެމްބަރަކު އަހަވާރަވެ، އެކަމުގެ ހިތާމައިގައި ތިއްބެވި ވަގުތެއްގައި، ބައެއްގެ ސިޔާސީ މުހުތާދެއް ފުއްދުމުގެ ބޭނުމުގައި، މިފަދަ ހަޑި މުޑުދާރު ކަންކަންކޮށް، އެމަނިކުފާނުގެ އަބުރުފުޅަށް އަރައިގަނެ، އެމަނިކުފާނުގެ އާއިލާ އަށް އިތުރު އަނިޔާތައް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި މިއީ ނޫސްވެރިކަމުގެ އެތިކްސްއާ ވެސް ހިލާފު ކަމެއް ކަމަށާއި، ޔާމީންގެ އަގުވައްޓާލުމުގެ ގޮތުން ބައެއް މީޑިއާތަކުން ކުރަމުންގެންދާ މިފަދަ ނާތަހުޒީބު ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
އަދި ޔާމީންއާ ގުޅޭގޮތުން "ރާއްޖެއެމްވީ" ގައި ހަބަރު ލިޔެފައިވާ ފަރާތުންނާއި އަދި ރާއްޖެއެމްވީން ޔާމީން އާއި އެމަނިކުފާނުގެ އާއިލާގެ ކިބައިން މައާފަށް އެދުމަށް ވެސް ވަނީ ގޮވާލާފައެވެ.
މީގެއިތުރުން އިދިކޮޅުން ވަނީ މީޑިއާ ކައުންސިލުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައެވެ.
މިކަމާ ގުޅިގެން ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން ކުރެއްވި ޓުވީޓެއްގައި ރާއްޖެޓީވީން ގެނެސްފައިވާ ޚަބަރަށް އިޝާރާތްކުރައްވައި ވިދާޅުވެފައިވަނީ މިޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމުގައެވެ. އަދި ކަމުގެ ޙަޤީޤަތް ބެލުމަށްވެސް ޣައްސާން ގޮވައިލެއްވިއެވެ.