ޚަބަރު

ސިޓީއާއި މެއިލުން ބަލާނީ ތިންވަނަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާތައް އެކަނި: މިނިސްޓްރީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސިޓީއާއި މެއިލް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ބަލާނީ ތިންވަނަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާތައް އެކަނި ކަމަށް ހައުސިން މިނިސްޓްރީ ބުނެފި އެވެ.

Ads by STELCO

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ސިޓީން 526 ޝަކުވާ އަދި މިނިސްޓްރީން ދިން މެއިލަށް 2840 ޝަކުވާ ހުށަހަޅާފައިވެ އެވެ.

މިނިސްޓްރީން ބުނީ އެ ޝަކުވާތަކުގެ ތެރެއިން ބަލާނީ ހަމައެކަނި ތިންވަނަ ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތައް އެކަނި ކަމަށެވެ.

އެކަމަކު އެއީ ޝަކުވާ ހުށަހަޅަން ހުޅުވާލި އިރު މިނިސްޓްރީން ފާހަގަ ކުރި ކަމެއް ނޫނެވެ. އެހެންވިޔަސް ރަސްމީކޮށް ފޯމުލީ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އޮތީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.

ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް 4625 އެޕްލިކަންޓުން ޖުމުލަ 5236 ޝަކުވާ ހުށަހަޅާފައިވާ ކަން މިނިސްޓްރީން ފާހަގަ ކުރި އެވެ. މިނިސްޓްރީން ދަނީ ޝަކުވާތައް ބަލަމުންނެވެ.

މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.

ފްލެޓް ލިސްޓް މި ސަރުކާރުން މުރާޖާކުރީ އޭސީސީން ދިން އިރުޝާދުތަކަށް ފަހުގަ އެވެ. އެގޮތުން މުރާޖާކުރުމަށް ފަހު ނެރުނު ފްލެޓް ލިސްޓުގައިވާ ގޮތުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމަށެވެ.

ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށެވެ.

Ads by HDC