ޚަބަރު

އެއްބުރުން ރިޔާސީ އިންތިހާބު ނިންމަން އުޅެނީ ހައްގުތަކެއް ހަނިކުރަން: ފައްޔާޒު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް/ ފޮޓޯ: އަވަސް

އެއްބުރުން ރިޔާސީ އިންތިހާބު ނިންމޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރަނީ ހައްގުތަކެއް ހަނިކުރަން ވެގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

ސަރުކާރުން ހުށަހަޅަނީ ޕްރެފެރެންޝަލް ވޯޓިން ތައާރަފުކޮށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށެވެ. އެ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނެގުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އެކްޓިވިސްޓުން ވަނީ އެ ކަމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ހިންގަމުންނެވެ.

އެ ބަދަލަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ތާއީދުކުރައްވާފައި ވަނިކޮށް، އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު އިސްމާއީލް މިއަދު 'އެކްސް'ގައި ލިޔުއްވީ "އިންތިޚާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ،" ކަމަށެވެ.

"ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު،" ފައްޔާޒު ލިޔުއްވި އެވެ.

ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، "ހަރަދު ކުޑަކުރުން" ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް،" އޭނާ ވިދާޅުވި އެވެ.

މި ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށާއި ނަމަވެސް، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"މި ކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހޭ،" ކުރިއަށް ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ.

Ads by Ooredoo