މާދަމާ މަޖިލިސް ނެތް، ސަބަބެއް ނޭނގޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ނޯންނާނެ ކަމަށް އެ އިދާރާއިން މިރޭ ބުނެފި އެވެ.
އާންމުކޮށް މަޖިލީހުގެ ޖަލްސާތައް ކޮންމެ ހޯމައަކުން ބުދައަށް އޮންނައިރު މި ފަހުން ގަވައިދުން ޖަލްސާތައް ނުބާއްވާ މައްސަަލަ ބޮޑެވެ.
އެގޮތުން މާދަމާ އޮންނަ ޖަލްސާވެސް ނުބާއްވަން މިހާރު ނިންމާފައިވާ ކަމަށް މަޖިލީހުން މިރޭ ބުންޏެވެ. "ދެން" އިން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން މަޖިލީހުގެ މީޑިއާ އޮފިޝަލު ވަކި ޖަވާބެއް ނުދެއްވަ އެވެ.
މާދަމާ މަޖިލީހުގެ ޖަލްސާއެއް ނުބާއްވަން ނިންުމުމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މީކާއިލް އެކްސްގައި މިރޭ ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކެންސަލްކުރީ އޭނާ ހޯމް މިނިސްޓަރު އަލީ އިހުސާންއާ މާދަމާ މަޖިލީހުގައި ސުވާލުކުރާ ގޮތަށް ޖަލްސާ އެޖެންޑާ ވެސް ކުރުމަށް ފަހު ކަމށެވެ.
"މިއީ މީގެ 4 މަސް ކުރިން އަޅުގަނޑު ހޯމް މިނިސްޓަރާއި ސުވާލުކުރަން ފޮނުވި ނޯޓިހެއް. ނޯޓިސްގެ މުއްދަތަކީ 14 ދުވަސް. 14 ދުވަސް ފަހަނައަޅާ 5 ވަނަ މަހާއި ގާތްވެފައި ވަނިކޮށް މާދަމާއަށް މި ސުވާލު އެޖެންޑާކޮށްފިކަމަށް އެންގުމަށްފަހު ދެން އެންގީ މާދަމާ މަޖިލިސް ޖަލްސާއެއް ނޯންނާނެކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.
ރޯދަ މަހުގެ ފިހަ ދިހައަކާއި އީދު ބަންދުގެ ބޮޑު ޗުއްޓީއަކަށްފަހު ރަސްމީކޮށް ދައުލަތް ހުޅުވުނު ހަފުތާގައި ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވީ ހަމައެކަނި ހޯމަ ދުވަހުގަ އެވެ. މިދިޔަ ހަފުތާގައި ތިން ދުވަހު ވެސް ޖަލްސާ ބޭއްވި އެވެ.