ވަޒީރުން ހާޒިރުކުރުން ލަސްވާތީއާއި ޖަލްސާ ގަވައިދުން ނުބޭއްވޭތީ ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅާ ސުވާލުތަކަށް މިނިސްޓަރުން ހާޒިރުކުރަން ނޯޓިސް ދޭ މުއްދަތު ފަހަނައަޅާދާއިރު ވެސް މިނިސްޓަރުން ހާޒިރު ނުކުރެވުމާއި ޖަލްސާތައް ގަވާއިދުން ނުބޭއްވޭތީ, ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅުއްވައިފި އެވެ.
ރޯދަ މަހުގެ ފަހު ދިހައަކާއި އީދު ބަންދަށް ފަހު ދައުލަތް ހުޅުވުނު ހަފުތާގައި ވެސް ޖަލްސާ ބޭއްވީ އެންމެ ދުވަހަކުގަ އެވެ. މަޖިލީހުގެ ޖަލްސާތައް ދައުރުގެ ތެރޭގެ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، އަދި ބުދަ ދުވަހު ބާއްވަން ޖެހެ އެވެ. މިއަދު ވެސް މަޖިލީހުގެ ޖަލްސާއެއް ނެތެވެ.
މީކާއީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާ ނެތް ކަން އެންގީ މީގެ ތިން މަސް ކުރިންު ހޯމް މިނިސްޓަރު އަލީ އިހުސާނަށް ކުރަން ހުށަހެޅި ސުވާލަށް އޭނާ މިއަދު ހާޒިރުކުރުމަށް ތާވަލުކުރުމަށް ފަހު އެވެ.
އެ ސުވާލަކީ؛ ޕީއެންސީއަށް ފުރި ސައްހަ ނޫން ފޯމުތަކެއްގައި ހެކިންގެ ގޮތުގައި ސޮއިކުރި ޑިޕާޓްމަންޓް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ހިންގަން ހަވާލުކޮށްފައިވާ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނަށް ފިޔަވަޅު އެޅިތޯ އެވެ.
މީކާއީލް ހުށަހެޅުއްވި ގަރާރުގައި ވަނީ މީގެ ސަބަބުން ވެރިކަންކުރާ ބާރު ހިނގަމުންދާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޮތް ޒިންމާ އަދާ ނުކުރެވޭތީ އެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ހާމަކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.