އެސްޓީއޯއިން ކޯސް ހިންގައިގެން ރާއްޖޭގެ ފުރަތަމަ ރޭޑިއޯގްރާފަރުން ތަމްރީނުކޮށްފި

ރާއްޖޭގައި ފުރަތަމަ ބޭއްވި ރޭޑިއޯގްރަފީ ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 23 ދަރިވަރުން ކޯސް ފުރިހަމަކޮށް ދަސްވެނިވުމުގެ ހަފުލާ ބާއްވައިފި އެވެ.
ތަމްރީން ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގެ ޝަފްވެރި މެހެމާނަކީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
ދަރިވަރުންގެ ކިޔެވުން ފެށީ އޮކްޓޯބަރު 2022ގަ އެވެ. އެސްޓީއޯއިން ބުނީ މި ކޯހަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ ދެ އަހަރުގެ ނަޒަރީ ތަމްރީނާއި ހަ މަސް ދުވަހުގެ އަމަލީ ތަޖުރިބާ ހިމެނޭ ކޯހެއް ކަމަށެވެ.
ދަރިވަރުންގެ ކްލިނިކަލް ތަމްރީނާއި އިންޓާންޝިޕް ފުރިހަމަކުރުމަށް، އެސްޓީއޯއިން މާލޭގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލާ އެކު ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ ހޮސްޕިޓަލްތަކަކީ އައިޖީއެމްއެޗް، އޭޑީކޭ، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްތަކުގައި ޑިސެންބަރު 2022 ގައި ފުރަތަމަ ކްލިނިކަލް ސެޝަންތައް ފެށި، އޮގަސްޓް 2024ގައި ދަރިވަރުންގެ ކިޔެވުން ނިމުނެވެ.
އިންޓާންޝިޕް ފެށުމުގެ ކުރިން ދަރިވަރުންނަށް މޮޓިވޭޝަނަލް އަދި ކަސްޓަމާ ކެއާ ޕްރޮގްރާމެއް ހިންގުނެވެ.
ފެބްރުވަރީ 2025 ގައި އިންޓާންޝިޕް ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދޫކުރެވުނެވެ. އިންޓާންޝިޕްގެ މުއްދަތުގައި ދަރިވަރުންގެ އިލްމީ ފެންވަރާއި ހޭލުންތެރިކަމުގެ މިންވަރު ރަނގަޅުކަން ކްލިނިކަލް ސުޕަވައިޒަރުންގެ ތަޢުރީފުން ހާމަވެގެން ދިޔަ އެވެ.
މިއީ ކޯހުގެ ފެންވަރު ރަނގަޅުކަން ދައްކުވައިދޭ ހެއްކެއް ގޮތުގައި އެސްޓީއޯއިން ދެކެ އެވެ.
ކޯހުގައި ބައިވެރިވި 25 ދަރިވަރުންގެ ތެރެއިން 23 ދަރިވަރުން ވަނީ ކާމިޔާބުކަމާ އެކު ކޯސް ފުރިހަމަކޮށްފަ އެވެ. މިހާތަނަށް މި ދާއިރާއިން ދެ ދަރިވަރަކު ވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަން ފަށާފަ އެވެ. އަދި އެހެން ދަރިވަރުން މިވަގުތު ވަޒީފާ ހޯދުމުގެ މަރުޙަލާގައި ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ ވަރަށް މުހިންމު ކުރިއެރުމެކެވެ. ނަމަވެސް، މި ދާއިރާއަށް އަދިވެސް އިތުރު ރޭޑިއޯގްރާފަރުން ބޭނުންވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
ދިވެހި މުޖުތަމައަށް މުހިންމު މިފަދަ މަޝްރޫއެއްގެ ތެރެއިން ގާބިލު ޒުވާނުންތަކެއް އުފެއްދުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެސްޓީއޯއަށް ލިބުނު ފަހުރެކެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ބިނާކުރަނިވި ހިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ދަނީ ތައްޔާރަށް ތިބެގެންނެވެ.
