ޔައުގޫބުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލު މެމްބަރު ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އައްޔަން ކުރެއްވުމުން، އޭނާގެ މަޖިލީހުގެ ގޮނޑި ގެއްލޭ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެކޯޓުން ބަލައިގަނެފިއެވެ.
މިމައްސަލަ ސުޕުރީމް ކޯޓަށް ހުށަހަޅާފައި ވަނީ ކުރީގެ ފިލްމީ ތަރި އަދި ޕީޕީއެމް ގެ ފަރާތުން ހަރަކާތްތެރިވާ ޤާނޫނީ ވަކީލެއް ކަމަށްވާ އަސްއަދު ޝަރީފެވެ. ދާންދޫ ދާއިރާގެ މެމްބަރު މަޖިލީހުގެ މެމްބަރު ކަމުން ވަކިވެފައިވާކަން ކަނޑައެޅުމަށް ސުޕުރީމް ކޯޓަށް ހުށަހެޅި ޔަޢުޤޫބު އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެ މަގާމުގެ ފަތްކޮޅާ ވެސް އޭނާ ހަވާލު ވުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން ޔައުގޫބު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައި ހުރެ ދައުލަތުގެ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ.
ޔައުގޫބުގެ މެމްބަރު ކަމާމެދު ބައެއް ގާނޫނީ ވަކީލުން ސުވާލުކުރައްވާ ދަނޑިވަޅެއްގައި ޔައުގޫބު ވިދާޅުވީ އެކި ވަކީލުންނާއި މިކަމާ މެދު ވާހަކަ ދެއްކެވުމުން އެކި ވަކީލުންގެ ކިބައިން ވެސް އެކި ޚިޔާލުތައް ލިބުނު ކަމަށެވެ. އެއްބައި ވަކީލުން ދެމަގާމުގައި ހުރެވޭނޭ ބުނަމުން ދިޔަ އިރު އަނެއް ބައި ވަކީލުން ބުނަމުން ދިޔައީ ދެމަގާމުގައި ނުހުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ޔައުގޫބު ވިދާޅުވީ ދެ މަގާމުގައި އޭނާ އަށް އެއްފަހަރާ ނުހުރެވޭންވީ އެއްވެސް ސަބަބެއް އޭނާއަށް ނުފެންނަ ކަމަށާއި އެހެން ނަމަވެސް ލަފާ ދެއްވި ހުރިހާ ވަކީލުންގެ ލަފާތައް ވެސް ތަފާތުވުމާއި އެކު އެ މަގާމުން އޭނާ ވަކިވީ ކަމަށް ވެސް ޔައުގޫބު ވަނީ ވިދާޅުވެފައެވެ.