ޚަބަރު

ޔުމްނު ވެއްޓުން: ފުލުހުންގެ އިހުމާލުތައް ބަލަން ޕީޖީން އަންގައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޕްރޮސިކިއުޓާ ޖެެނެރަލް އައްބާސް ޝަރީފް-

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިސް ވަގުތު މާލޭގެ ހެންވޭރުގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު، 21އ، ވެއްޓުނު މައްސަލާގައި ފުލުހުން ހިންގަމުންދާ ތަހުގީގަށް ޕްރޮސެކިއުޓަ ޖެނެރަލް އައްބާސް ޝަރީފް އިރުޝާދު ތަކެއް ދެއްވައިފި އެވެ.

Ads by STELCO

ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އިރުޝާދުތަކަކީ:

  • އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތާއި، އަނިޔާ ލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ އާންމުކޮށްފައިވާތީ، އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށް
  • ގާނޫނީ އުސޫލުތަކުގެ ތެރެއިން، އެ ރޭ މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތުވާ މީހުންގެ ކުޑަކަމުދާތަކެތި ދޭން އަންގައި، އެ ތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެ ކަން ތަހުގީގުކޮށް ދައުވާކުރަން ފޮނުވަން
  • ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުން ނާރާނެ ގޮތަށް، ހާމަކަމާއެކު، ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ތަހުގީގަށް ހުރަސް ނޭޅޭނެ ގޮތަށް މަޢުލޫމާތު ހާމަކުރުމަށް
  •  މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް

މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާމެދު ޢާންމުންގެ ހުރި ޝަކުވާތައް މި އޮފީހަށް ހުށަހެޅުއްވުމުން، އެ ޝަކުވާތަކާ މެދު ވެސް، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ޕީޖީ އޮފީހުން އަޅަމުން ގެންދާނެ ކަމަށް ބުންޏެވެ.

އަދި، ޖިނާއީ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، ޢާންމު ރައްޔިތުންވެސް މައްސަލާގައި އަނިޔާލިބޭ މީހުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޕީޖީ އޮފީހުން އިލްތިމާސްކޮށްފަ އެވެ.

ޔުމްނު ވެއްޓުނު އިމާރާތުގައި އޭނާއާއެކީ އުޅުނު ރައުދު އަހުމަދު ޒަލީލް ހައްޔަރުކޮށް ފަސް ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. ޔުމްނު ވެއްޓުމުގެ ކުރިން ރައުދާއެކު ހަމަނުޖެހުމެއް ހިނގި ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގުނެވެ.

ރައުދުއާއި ޔުމްނު އޭރު ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި ރައުދު ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ ދުވަހުގެ ރޭ ޔުމްނު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ދިޔަ އެވެ.

އެ ޕާޓީގައި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު އަމާޒުވި ނަމަވެސް ޕާޓީގައި ޔުމްނުއާއެކު އުޅުނު މީހުންގެ ކުޑަކަމުދާތަކެތި ނަގަން އުޅުމުން އެ ކަމަށް އެ މީހުން ދެކޮޅު ހެދި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ދެން ހިމެނޭ ހަތް މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، އެންމެންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.