ޚަބަރު

ސީޕީގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ފަރުހާދަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ހަވާލުކޮށްފި އެވެ.

Ads by STELCO

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަލީ ޝުޖާއު މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އާ ސީޕީއެއް އައްޔަންކުރެވެން ދެން ސީޕީގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ފަރުހާދު ހަމަޖެއްސިކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެކްސްގައި ޕޯސްޓްކުރައްވައިފަ އެވެ.

ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވި ކަން މީޑިއާތަކުން ރިޕޯޓްކުރި ފަހުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ލިއުއްވީ ޝުޖާއުގެ އިސްތިއުފާ ހުށަހެޅުމުން އިސްތިއުފާ ރައީސް މުހައްމަދު މުއިއްޒު ގަބޫލުކުރައްވާފައިވާ ކަމަށެވެ.

ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވި ސަބަބު ސާފުނުވި ނަމަވެސް، އިސްތިއުފާ މިދެއްވީ އިސްތިއުފާއަށް ގޮވާލާ އަޑުތައް ގަދަވެފައިވަނިކޮށެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން އަމާޒުވެފައިވާ ބޮޑެތި ފާޑުކިޔުންތަކާ އެކީ އެވެ.

ކޮންމެ ރެއަކު އެ އަންހެން މީހާއަށް އިންސާފު ހޯދުމަށް ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އިމާރާތް ކުރިމަތީގައި ޒުވާނުންތަކެއް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ޝުޖާއުގެ އިތުރުން ޓްރާންްސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ވެސް އެ މުޒާހަރާތަކުގައި ދަނީ ގޮވާލަމުންނެވެ.

ހައްވާ ޔުމްނު ރަޝީދު، 21އ، ވެއްޓުމުގެ ކުރިއަށް އޭނާއާ އެކީ އުޅުނު ރައުދު އަހުމަދު ޒަލީލާ އެކު އެ ރޭ އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ދިޔަ އެވެ. އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތު އޮތް ނަމަވެސް އެ ކަން ރަނގަޅަށް ތަހުގީގުނުކުރާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އަމީންގެ އިސްތިއުފާއަށް ގޮވާލަމުންދަނީ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް އަމީން ވިދާޅުވެފައިވަނީ ޕާޓީ އޮތް އެޕާޓްމަންޓަކީ އޭނާގެ އާއިލީ ގޭގެ ތަނަކަށް ވީ ނަމަވެސް އެއީ އޭނާއާ ސީދާ ގުޅުމެއް އޮތް ތަނެއް ނޫން ކަމަށެވެ. ހާދިސާގެ މައުލޫމާތު ވެސް އެނގުނީ ހުކުރު ދުވަހުގެ ހަވީރު ނޫސްތަކުން ރިޕޯޓްކުރި ފަހުން ކަމަށާއި ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

Ads by HDC