ޚަބަރު

އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކުރީ ގޯސްކޮށް: ހައި ކޯޓު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް ޞާލިހުގެ ސަރުކާރުގައި އެކުލަވައިލި ފްލެޓު ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން

މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ސަރުކާރުން ހިންގި ސޯޝަލް ހައުސިން ސްކީމްތައް ބެލެހެއްޓި ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

Ads by MPL

ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކުރީ މިދިޔަ ޑިސެމްބަރު 20ގައި އެއް މަސް ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް މަސް ދުވަހަށް ޕާސްޕޯޓް ހިފަހައްޓާފައި ބޭއްވުމަށް އަމުރުކުރި އެވެ. އެ އަމުރުގެ މުއްދަތު ފެބްރުއަރީ 20އަށް ވަނީ ހަމަ ވެސް ވެފަ އެވެ.

އަކްރަމްގެ ފަރާތުން އެ ދެ އަމުރު ވެސް ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަކްރަމް ތަހުގީގަށް އެއްބާރުލުން ދެމުން ދަނިކޮށް، ތަހުގީގު ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ކުއްލިއަކަށް ފިލަން ފުރައިގެން ދާނެ ކަމުގެ ބިރު އުފެދުނު ގޮތެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ފިލަން ރާއްޖޭން ބޭރަށް ފުރުމުގެ މާލީ ތަނަވަސްކަން ހުރި ކަން ބުނެދޭން ވެގެން ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ބޭންކް އެސެސްމަންޓްތަކުން މި ވަގުތުގެ ހާލަތު ނޭނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ. ދައުލަތުން ހުށަހެޅީ 2022 އަދި 2023 ވަނަ އަހަރުގެ ބޭންކް ސްޓޭޓްމަންޓްތަކެކެވެ.

މީގެ އިތުރުން ރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫނީ ސަބަބެއް ވެސް ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގެން ނެތް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ވެގެން ކުރީގެ ސަރުކާރުން ހިންގަން ފެށި ދެ ސްކީމްގައި ވެސް ގޯސްތަކެއް ހެދުމާއި ކޮރަޕްޝަންގެ މައްސަލަތަކެއް ހިނގާ ކަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.

އެ ސަރުކާރުގެ އިތުރުން މި ސަރުކާރުގެ ބައެއް މީހުންގެ ޕާސްޕޯޓް އެ ދުވަސްވަރު ހިފެހެއްޓީ، "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު ކަމުގެ ސައްހަ ނޫން ލިޔުމަކަށް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެއަށް ބިމެއް ދޫކޮށްފައިވާ ކަން ފެންމަތިވެ މައްސަލަ ހޫނުވެގެންދިޔަ ތަނުންނެވެ.

 

Ads by HDC