ގައުމީ ހިދުމަތުގައި ބައިވެރިވާން ޒުވާނުންނަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސް އިން މިރޭ ހުޅުވާލައިފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިރެއިން ފެށިގެން ގާތްގަނޑަކަށް އެއް މަސް ދުވަހުގެ މުއްދަތަކަށް، ޖޫން 1 ގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
މި ޚިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެ ތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާ ގުޅުމަށް ހުށަހަޅާއިރު، އެ ކަމަށް ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަން ވާނެ ކަމަށް ބުންޏެވެ.
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ހާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށްދޭނެ ޕްރޮގްރާމެއް ކަމަށް ބުންޏެވެ.
ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރު ކުރުމާއި އަދި ނޭޝަނަލް ސާވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިހުތިރާމު ކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް ބުންޏެވެ.
2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިއުލާނު ކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމުގެ ސަބަބުން ތަމްރީން ލިބިފައި ތިބި، އަހުލާގު ރަނގަޅު ގައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގައި ވަނީ ވިދާޅުވެފަ އެވެ.
2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި އެ ޕްރޮގްރާމް މި އަހަރުގެ އޭޕްރީލް މަހު ފައްޓަވާނެ ކަމަށެވެ.
ރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ޚިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެއްވަމުން ގެންދަވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވައިފަ އެވެ.
ރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕުރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
