ހޭޅިފަށަށް ގެއްލުންވާތީ ގެމަނަފުށީ ބޭރު މަގު ހެދުން ކޯޓުން ހުއްޓުވައިފި

ގއ. ގެމަނަފުށީގެ ހޭޅިފަށަށް ގެއްލުންވާ ގޮތަށް ބޭރު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީވެ އެ މަސައްކަތް ހުއްޓުވުމަށް ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން އެ މަސައްކަތް މަޑުޖައްސާން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
ގެމަނަފުށީ އާންމު މީހަކު ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ ގޯއްޗާ ދިމާއަށް އޮންނަ ހޭޅިފަށުގެ ގަސްތަކެއް ކަނޑާތީ އެ ހޭޅިފަށަށާއި ތިމާވެއްޓަށް ގެއްލުން ލިބޭކަން ފާހަގަކޮށްފަ އެވެ. އެ މައްސަލާގައި އެދިފައިވަނީ މަސައްކަތް ހުއްޓުވުމަށެވެ.
މައްސަލަ ގޮތެއް ނިމެންދެން ވަގުތީ އަމުރަކަށް ވެސް އެދިފައި ވެ އެވެ. އަދި ގެމަނަފުށީ ކޯޓުން ވަނީ އެ އަމުރު ނެރެދީފަ އެވެ. މައްސަލަ ނިމެންދެން ރަށު ކައުންސިލުން އެ ހޭޅިފަށާ ދިމާލުން މަސައްކަތެއް ކުރަން އުޅެފިނަމަ ފުލުހުން އެ ކަން ހުއްޓުވަން ފުލުހުންގެ މައްޗަށް ވެސް އަމުރުކޮށްފައިވެ އެވެ.
ކޮންމެ ރަށެއްގެ ވެސް އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަސް ނުވަތަ ރުކުން ފެށިގެން އެއްގަމަށް 20 މީޓަރު ހަމަވަންދެން ހުންނަ ގަސްރުށް ކެނޑުމާއި އުފުރުމަކީ ގަސްކަރަ ހިމާޔަތްކުރުމުގެ ގަވާއިދުގެ ދަށުން މަނާކަމެއްކަން ވެސް އެ މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެ އެވެ.
