މަޖީދީމަގަށް އެއްވެއްޖެނަމަ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ދީފި

މާލޭގެ މަޖީދީމަގަށް އެއްވެ މުޒާހަރާ ކުރާނަމަ ރުޅާލާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.
ފުލުހުން މި އިންޒާރު ދިނީ ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ. އޭގެ އިރުކޮޅެއް ކުރިން ހޯމް މިނިސްޓްރީން ވަނީ މާލޭގައި ކުރިއަލާ ހުއްދަ ނުހޯދައި އެއްވެވޭނެ ތަންތަނުގެ ލިސްޓު އަދާހަމަކޮށްފަ އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ހުއްދަ ނުހޯދާ އެއްވެވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ.
މިނިސްޓްރީން މިރޭ ނެރުނު ލިސްޓުގައިވާ ތަންތަނަކީ ހެންވޭރު ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯނު ސަރަހައްދު، ރަސްފަންނު ސަރަހައްދު، އަދި އުސްފަސްގަނޑު ސަރަހައްދެވެ.
ރޭގެ މުޒާހަރާ ރޫޅާލި ސަބަބު ހާމަކޮށް ފުލުހުން ދެއްކި ވާހަކަތައް މިރޭގެ ބަޔާނުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެއީ ހެންވޭރު ކޮޅުން މަޖީދީ މަގު ބަންދުކޮށް، ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކުރިމަތީގައި ޒުވާނުން ކުރަމުންދާ މުޒާހަރާއާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް ބުނެ ފުލުހުން ދައްކަމުންދާ ވާހަކަ އެވެ.
"ބައެއް ޒުވާނުން އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި މިހާރު ކުރިއަށްގެންދާ އިހުތިޖާޖުގެ ސަބަބުން އެ މަގު ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި މަގުތަކުގައި ހިނގާ އަދި ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުންނަށާއި އިމަޖެންސީ ހިދުމަތްތަކަށާއި ވިޔަފާރިތަކަށާއި ޖީސީއީ އޯލެވެލް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ދިވެހި ފުލުހުންގެ ހިދުމަތަށް ދަނީ ލިބެމުންނެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
ޒުވާނުން ސިލްސިލާކޮށް މުޒާހަރާކުރާ މިއީ 12ވަނަ ރެ އެވެ. ޒުވާނުން މުޒާހަރާކުރަމުން ދަނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ ހެންވޭރު އިމާރާތެއްގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އިންސާފު ގާއިމުކުރުމަށް ގޮވާލަ އެވެ.
ސިލްސިލާކޮށް ސުލްހަވެރިކަމާ އެކު ޒުވާނުން މުޒާހަރާ ކުރަމުން ދަނިކޮށް ރޭ ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ކިޔަމަން ނުވި ކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރު ވެސް ކޮށްފަ އެވެ.
މައްސަަލަ ހޫނުވީ ޔުމްނު ވެއްޓުނު ރޭ އޭގެ ކުރިން އޭނާ، މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި ހުންނަ އެޕާޓްމަންޓަކަށް ދިޔައިރު އެ ގޭގެ ނަމާއި ޕާޓީގައި ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު ފުލުހުން ހާމަނުކުރުމުންނެވެ. އަދި އެއިން މީހަކާ މެދު ފިޔަވަޅު ނޭޅުމުންނެވެ. މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބެލެވުނު ނަމަވެސް އެ ތަކެއްޗަށް ޓެސްޓްކުރަން ދެކޮޅު ހެދުމުން ވެސް ފިޔަވަޅެއް ނާޅަ އެވެ.
ފަހުން ޕާޓީގައި ތިބި މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން އާންމުކުރި އިރު އޭގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅުން އަދި ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި ބޭފުޅެއް ހިމެނެ އެވެ.
ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނަނީ އެ ކަމާ ގުޅުވަ އެވެ. ނަމަވެސް ޕާޓީ އޮތް ވަގުތު އަމީން ރާއްޖޭގައި ނޫޅުއްވާ ކަމަށާއި ޕާޓީ އޮތް އެޕާޓްމަންޓަކީ ސީދާ އަމީނާ ގުޅުން ހުރި ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ފުލުހަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވަ އެވެ.
